ޚަބަރު
ޓެގު އަޅުވަން 92 މީހެއްގެ އެސެސްމަންޓް ހަދަނީ
ގައިދީއެއް: ޓެގު އަޅުވާފައި އިތުރު މީހުން އަންނަނީ ދޫކުރުމުން
އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި، ދޫކޮށްލަން މުޅި ޖުމުލަ 121 މީހަކު އެދިފައި ވާއިރު، ޕޮލިސް އެސެސްމަންޓަށްފަހު އޭގެ ތެރެއިން 20 މީހުން ދޫކޮށްނުލާން ނިންމައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ތަރުޖަމާން، އަހުމަދު ޝަފީއު އެކްސްގައި ހިއްސާ ކުރެއްވި ތަފާސްހިސާބުން ދައްކާ ގޮތުން، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި، ދޫކޮށްލަން އެދި ޕީޖީ އޮފީހަށް ލިބިފައިވަނީ 121 ފޯމެވެ. ފުލުހުންގެ އެސެސްމަންޓު ހެދުމަށްފަހު، އޭގެ ތެރެއިން 20 މީހަކު ބަންދުން ދޫކޮށްނުލުމަށް ވަނީ ނިންމައިފައެވެ. މިހާތަނަށް ދޫކޮށްލަން ނިންމައިފައި ވަނީ، ޖުމުލަ ނުވަ މީހެއްކަމަށް ތަފާސްހިސާބުން ދައްކައެވެ.

މި ތަފާސްހިސާބުން ދައްކާގޮތުގައި، މިހައިތަނަށް ނުނިމިވާ ފުލުހުންގެ 92 އެސެސްމަންޓު އެބައޮތެވެ.

މި ނިޒާމުގެ ތެރެއިން ދޫކޮށްލި ބައެއް މީހުންގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކު ކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބައެއް މީހުން ހިމެނެއެވެ. މަސްތުވާތަކެތި ޓްރެފިކު ކުރުމަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ބޮޑު ކުށެކެވެ.

ޕީޖީ އޮފީހުން ކުރިން ބުނީ ފައިގައި ޓެގް އެޅުވުމަށް ފަހު ބަންދަށް ލުއި ދޭނެ މީހުން ކަނޑައަޅަމުން ދަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމަންޓުތަކަށް ބެލުމަށް ފަހު ކަމަށެވެ.

ނަމަވެސް މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއި ދެވޭނީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ އެ ނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދޭން ހަމަޖެހިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު