ޓްރީ ޓޮޕާއި އިންޑިއާ ހައިކޮމިޝަން ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ހިންގައިފި
މަރިޔަމް އަނާ
15 ޖޫން 2025 - 11:16
0 comments
ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއާ ހައި ކޮމިޝަނުން އިންތިޒާމްކުރި ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގެ ތެރެއިން
ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއާގެ ހައި ކޮމިޝަން ގުޅިގެން އިއްޔެ ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
އެ ހަރަކާތުގައި އިންޑިއާގެ ހައި ކޮމިޝަނަރު ޝްރީ ޖީ ބާލަސުބްރަމާނިއަމް އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އަދި ޓްރީ ޓޮޕްގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ބައިވެރިވެވަޑައިގެންނެވި އެވެ.ލޭ ހަދިޔާ ކުރުމަށް ބޭއްވި ހަރަކާތުގައި ޑރ. ސްރިވަޓްސަން ވިދާޅުވީ ލޭ ހަދިޔާކުރުމަކީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި ކަމެއް ކަމަށާއި މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވުމުގެ މުހިންމުކަން ލޭ ހަދިޔާކުރުމުގެ ހަރަކާތުން ފާހަގަކޮށްދޭ ކަމަށެވެ.މިއީ މި އަހަރު އިންޑިއަން ހައި ކޮމިޝަނުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއްގައި ބައިވެރިވި ދެވަނަ ފަހަރު ކަމަށްވާއިރު، އެކަމުން ދިވެހިންނަށް ބޭނުންޖެހޭ ވަގުތުތަކުގައި އެހީތެރިވުމަށް ކުރާ މަސައްކަތް ހާމަވެގެންދާ ކަމެއް ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުންޏެވެ.ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް 14 ޖޫން އެވެ. މި ދުވަހަކީ ލޭ ހަދިޔާކުރުމުގެ މުހިއްމުކަމާ މެދު އާންމުން ހޭލުންތެރިކުރުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ދުވަހެކެވެ.
ކިޔުންތެރިންގެ ޝުއޫރު