ވިޔަފާރި
ފައިނޭންޝަލް ޑިސްޓްރިކްޓުގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފި
ގްރޭޓާ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓުގެ ނަމުގައި މާލީ ދާއިރާ ކުރިއެރުވުމަށް މި މަހުގެ 1 ވަނަ ދުވަހު އުފެއްދި ކުންފުންޏަށް ޑިރެކްޓަރުން އައްޔަންކޮށްފި އެވެ.

ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ފައިނޭންޝަލް ޑިސްޓްރިކްޓުގެ ބޯޑަށް ޗެއާޕާސަނަކާއި މެމްބަރުގެ ގޮތުގައި ތިން ބޭފުޅަކު އިއްޔެ އައްޔަންކޮށްފައިވާ ކަމަށެވެ.

އެ ކުންފުނީގެ ޗެއާޕާސަނަކަށް އައްޔަންކުރީ މާލެ، ދަފްތަރު ނަންބަރު ރސ 8087، ފާތިމަތު ޝާހީނެވެ.

ފައިނޭންޝަލް ޑިސްޓްރިކްޓުގެ ބޯޑަށް އައްޔަންކުރެއްވި ބޭފުޅުންނަކީ؛

- އަހްމަދު ސިރާޖް، ވ. ސިނަމާލެ 4 40-2، މާލެ

- މުހައްމަދު ރިޔާޒް، ވ. ނަލަދުވެލި، މާލެ

- އާމިނަތު ސައުޝަން އަފީފް، ސުހާނާވިލާ، ސ. ފޭދޫ

ރައީސް އޮފީހުން ބުނި ގޮތުގައި ދިވެހި "ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ކުންފުންޏަކީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ.

މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސާވިސަސްއާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގެ ޚިދުމަތްތައް ހިމެނޭގޮތުން، މާލީ ޚިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، ބައިނަލްއަގުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުން ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، "ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10 ރުފިޔާގެ 100،000،000 (ސަތޭކަ މިލިޔަން) ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 1،000،000،000 (އެއް ބިލިޔަން) ރުފިޔާ ކަމަށެވެ.

އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ގާނޫނީ ގޮތުން އަމިއްލަ ޝަޚްސެއް ކަމަށް ރައީސްގެ ގަރާރުގައި ވަނީ ކަނޑައަޅައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި ކުންފުންޏެއް އުފެއްދެވިއިރު، 'ފައިނޭންޝަލް ކެޕިޓަލެއް'ގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރުމަށް ރައީސް ވަނީ ނިންމަވައިފައެވެ. އެކަން ކުރުމަށްޓަކައި މިދިޔަ މަހުގެ 26ގައި އެ މަނިކުފާނު ވަނީ ހުޅުމާލޭގެ އާ މާސްޓާޕްލޭން އެކުލަވައިލާ އިފުތިތާހުކޮށްދެއްވައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު