ޚަބަރު
ބިންވެރިޔާ ސްކީމްގެ ގޯތި އެއްބަސްވުންތަކަށް އޭޖީގެ ލަފާ ހޯދާނީ
ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ހުޅުމާލެ ފޭސް ދޭއް ހިމެނޭ ގޮތަށް ހަދާފައިވާ ގޯތީގެ އެއްބަސްވުންތައް ގާނޫނާ ފުށުއަރާތީ އެކަމުގައި ބަންޑާރަނައިބުގެ ލަފައެއް ހޯދަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ. އަދި ގުޅިފަޅުން ދޫކުރި ގޯތިތަކުގައި މިހާތަނަށް ހަދާފައި އޮތް ރަޖިސްޓްރީގައި ހަމައެކަނި ބަދަލުކުރާނީ ލޮޓް ނަންބަރު ހިމެނޭ ބައި އެކަނި ކަމަށް ވެސް، ބުނެފި އެވެ.

މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ބިންވެރިޔާ ސްކީމްގެ ދަށުން އެ ތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓަރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހު އެކެއްގައި ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު ގޯތި ލިބުނު މީހުން ދަނީ އާ އެއްބަސްވުމުގައި ސޮއި ކުރަން ދެކޮޅު ހަދަމުންނެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ، އެ މީހުންގެ މެދުގައި ނެގި ގުރުއަތުން ހައްގުވާ ޕްލޮޓު ކަނޑައަޅައި، ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށް މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު، އޭގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހިމެނޭކަން ފާހަގަވާ ކަމަށެވެ.

ބިމާ ބެހޭ ގާނޫނުގައި އޮންނަނީ އެ މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވޭނީ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އއިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާ މީހަކު އެ ބައެއް ނުވަތަ ފްލެޓެއް ދޫކޮށްލުމުންކަމަށް ޝަރުތު ކޮށްފަ އެވެ،

ނަމަވެސް ބިންވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ގޯތި ދޫކުރުމުގެ އުސޫލުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުން ދޫކޮށްލަން ޝަރުތު ކޮށްފައިވަނީ ހަމައެކަނި މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ އަދި ވިލިނގިލި) އިން ލިބިފައިވާ 600 އަކަފޫޓަށް ވުރެ ކުޑަ ގޯތިތައް އެކަންޏެވެ.

ގުޅިފަޅުން ދޫކުރި ގޯތިތަކުގެ ރަޖިސްޓްރީ، ބިމާ ބެހޭ ގާނޫނާ އެއްގޮތަށް މި ވަގުތު ހެދެން ނެތީ، އިއުލާނުން އެނގޭ ގޮތުގައި، ހުޅުމާލެ ފޭސް ދޭކުން ދޫކުރި ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ބައެއް ތަންތަނުގައި އިމާރާތް ވެސް ކުރަމުން ދާތީ އެވެ. 

"ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެއިން ލިބުނު ގޯތިތައް ހަވާލުކުރެވި އިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވުމާ އެކު، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބިދާނެ ކަމަށް މި މިނިސްޓްރީން ނުދެކެމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ބަންޑާރަނައިބުގެ ލަފާ ހޯދަނީ އެ މައްސަލަތައް ހައްލު ހޯދުމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު