ޚަބަރު
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ތިނަދޫ ކައުންސިލަށް ދަރާފަ!
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
ތިނަދޫ ސިޓީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި އެކިއެކި ފަރާތްތަކުން 30 މިލިއަނެއްހާ ރުފިޔާ ނުދައްކާ އޮތްއިރު، އޭގެތެރޭގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި ވެސް ހިމެނޭކަން ހާމަވެއްޖެ އެވެ.

ތިނަދޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބިންތަކަށް ކުލި ނުދައްކާ އެންމެންގެ ތަފްސީލާއި ކުލި ނުދައްކާ އަދަދު ވަނީ ހާމަކޮށްފަ އެވެ. ކުލި ނުދައްކާ އެންމެން ތަފުސީލު ކޮންމެ މަހަކު ވެސް ހާމަ ކުރަން އެ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

އެގޮތުން ތިނަދޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސިނާއީ އެކިއެކި މަސައްކަތްތައް ކުރުމަށް ތިނަދޫ ސިޓީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބިމު ކުއްޔާއި، ޖޫރިމަނާގެ ގޮތުގައި އެ ކައުންސިލަށް 29،954،660.46 (ނަވާވީސް މިލިއަން ނުވަ ސަތޭކަ ފަންސާސް ހަތަރު ހާސް ހަ ސަތޭކަ ފަސްދޮޅަސް ރުފިޔާ ސާޅީސް ލާރި) ދިވެހި ރުފިޔާ ނިލިބި އެބަހުރި ކަމަށެވެ.

އެ ކައުންސިލުން ބުނި ގޮތުގައި ފައިސާ ދެއްކުމަށް އެދި އެސްއެމްއެސް ސިސްޓަމް މެދުވެރިކޮށް ބިން ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ކޮންމެ މަހެއްގެ އެއްވަނަ އަދި 10 ވަނަ ދުވަހު މެސެޖު ފޮނުވައެވެ. އޭގެ އިތުރުން ފައިސާ ނުދައްކާ ފަރާތްތަކަށް ސިޓީ ފޮނުވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ނަމަވެސް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ދެ ފަހަރު އެންގުމަށްފަހު ވެސް ދައްކާފައި ނުވުމުގެ ސަބަބުން އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުންދާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ކައުންސިލުން ވަނީ އެ އިއުލާނާއެކު، ބިމު ކުލި ނުދައްކާ 50 ފާރާތެއްގެ ނަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި މެންބަރު ސައުދުﷲ ހިލްމީގެ ވިޔަފާރި ކުންފުނި، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، އޭނާގެ ހަރުގެއަކާއި، މޯލްޑިވްސް ގޭސް ކުންފުނި ހިމެނެއެވެ.

ސައުދުﷲގެ ކުންފުނިން 89،695.89 ރުފިޔާ ދައްކަން ޖެހޭއިރު، އޭނާއަށް ނިސްބަތްވާ ހަރުގެއަކުން 433،155.10 ރުފިޔާ ދައްކަންޖެހެ އެވެ.

އެކަމާ ގުޅިގެން މެންބަރު ސައުދުﷲ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާގެ ނަން މަތީގައި އޮތް ބިމަކީ އޮގަސްޓު 01، 2023ގައި ކުއްޔަށް ނެގި ހަރުގެ ބިމެއް ނަމަވެސް، މިހާތަނަށް އެ ބިމުގެ ބޭނުން ހިފޭގޮތް ނުވާކަމަށެވެ. ސަބަބަކީ އެ ބިމުގައި ފުރަތަމަ ދުވަހުން ފެށިގެން ކޮންމެވެސް ބައެއްގެ ކޮންޓެއިނަރަކާއި ގުދަނެއް ހުރުމުން ކަމަށާއި ކައުންސިލުން އެ ބިން ސާފުކޮށްދީފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ. 

އެހެންނަމަވެސް މިދިޔަ ޖޫން މަހު އެތަނުގެ ކުލީގެ ގޮތުގައި 100،000 ރުފިޔާ އަދި 354،121.30 ރުފިޔާގެ ޖޫރިމަނާ ދައްކަންޖެހޭނެ ކަމަށް ކައުންސިލުން އެންގި ކަމަށް ސައުދުﷲ ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ކައުންސިލާ މުއާމަލާތުކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި އޭނާގެ ވަކީލުން ލަފާދިނީ ބިމުގެ ބޭނުން ކުރެވޭގޮތަށް ހުސްކޮށްދީފައި ނުވާތީއާއި، އެ ބިމުގެ ބޭނުން އެންމެ ދުވަހަކު ވެސް ކޮށްފައިނުވާތީ ކުލި ނުދެއްކުމަށް ކަމަށް ސައުދުﷲ ވިދާޅުވިއެވެ. އަދި އަމުދުން އެފަދަ ބޮޑު ޖޫރިމަނާއެއް ދައްކަން ނުޖެހޭނެ ކަމަށާއި، ދައުވާ ކުރިނަމަވެސް ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން އެފަދަ ބޮޑު ޖޫރިމަނާއެއް ނަގައިނުދޭނެ ކަމަށް ވަކީލުން ލަފާދިން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު އެ ބިން ބޭނުންކުރާނެ ސަބަބެއް ނެތުމުން ދޫކޮށްލާފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

އެ ލިސްޓުގައި ހިމެނޭ މޯލްޑިވްސް ގޭސް ވެސް ހިމެނޭއިރު އެ ކުންފުނިން ދައްކަންޖެހެނީ 3،779،494.28 ރުފިޔާއެވެ. މީގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 305،453.65 ރުފިޔާ އަދި ދިރާގުން 55،341 ރުފިޔާ ދައްކަންޖެހެއެވެ.

ލިސްޓުގައި ހިމެނޭ ކުންފުނިތަކާއި މީހުންގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ދައްކަން ޖެހިފައި އޮތީ މޯލްޑިވްސް ގޭސް އަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު