ތިލަފުށިން ސިނާއީ ބޭނުމަށް ބިން ދޫކުރަން ކުރި އިއުލާންތައް ބާތިލުކޮށްފި
އައިމިނަތު ޝިޔާޒާ
23 ޖުލައި 2025 - 16:59
0 comments
ތިލަފުށިން ފަހުން ހިއްކި ސަރަހައްދު
ތިލަފުށީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަން ޖެހޭތީ، ސިނާއީ ބޭނުމަށް އެ ރަށުން ބިން ދޫކުރަން ކުރި އިއުލާންތައް އެޗްޑީސީން މިއަދު ބާތިލުކޮށްފި އެވެ.
މި އިއުލާނުގައި ބުނެފައި ވަނީ ކ.ތިލަފުށީގައި ބިމުގެ ޖާގަ އޮތް ވަރަށް ބަލައި ތިލަފުށީ މާސްޓާ ޕްލޭނާއި އެ ކުންފުނީގެ އުސޫލުތަކުގައިވާ ގޮތުގެ މަތިން، ތިލަފުށިން ބިން ކުއްޔަށް ދޫކުރުމަށް އެކުންފުނިން 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު ކޮށްފައިވާ އިއުލާނާއި 14 ވަނަ ދުވަހު ކޮށްފައިވާ އިއުލާން ބާތިލްކޮށްފައިވާ ކަމަށެވެ.ތިލަފުށީގެ ބިން ހިއްކުމުގެ މަޝްރޫއުއާއި ތިލަފުށީގެ މާސްޓާ ޕްލޭނަށް ގެނެވިފައިވާ ބަދަލުގެ ސަބަބުން ތިލަފުށީގެ ލޭންޑް-ޔޫސް ޕްލޭނަށް ބަދަލު ގެނައުމުގެ މަސައްކަތް އެކުންފުނިން ކުރަމުން ދާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. އެހެންކަމުން، ކުރިން ނެރެފައިވާ އިއުލާންތަކާ ގުޅިގެން، އެ ކުންފުންޏަށް ހުށައެޅިފައިވާ ޕްރޮޕޯސްލަތަކާއި، އެކުންފުނިން އެފަރާތްތަކަށް ފޮނުވާފައިވާ އޮފާތައް ބާތިލްކޮށްފައިވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ދޭން ކުރި އިއުލާނުތައް ބާތިލުކުރީ އެހެންވެއެވެ. މި ކަމާ ގުޅިގެން އިތުރު ސުވާލެއް އޮތް ނަމަ އެ ކުންފުނީގެ ހޮޓްލައިން 1516 އަށް ގުޅުއްވަން ވަނީ އެދިފައެވެ."މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ،" އެޗްޑީސީގެ އިއުލާނުގައިވެ އެވެ.ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެޗްޑީސީން ވަނީ އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތިލަފުށި ތަރައްގީކުރަން ނިންމައި މާސްޓަޕްލޭނެއް އެކުލަވާލައިފަ އެވެ. އެ މާސްޓަޕްލޭންގެ ދަށުން ވަނީ ތިލަފުށިން 151 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު