
މި އިމާރާތް ހުޅުއްވައިދެއްވީ، މިއަދު މެންދުރު ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ޝަރުއީ ދާއިރާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.އެ ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ ވިދާޅުވީ އެ އިމާރާތަކީ ފަހުގެ ތާރީހެއްގައި ސަރުކާރުން ޝަރުއީ ދާއިރާގެ އިމާރާތެއް އެޅުމަށް އެންމެ ބޮޑު ހަރަދެއް ކުރި އިމާރާތް ކަމަށެވެ. އަދި އެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދިން ކަމަށް އޭނާ ވިދާޅުވި އެވެ."އެތައް ދުވަހެއް ވަންދެން ނުނިމި ދިގުލައިގެން ދިޔަ އެތަކެއް މައްސަލަތަކަށް އަލަށް ހަމަޖެހުނު ޖަސްޓިސް ބިލްޑިންގުގެ އެނެކްސްގެ ސަބަބުން ވަނީ ހައްލު ވެފައި. އުއްމީދަކީ އަލަށް ހަމަޖެހުނު އިމާރާތުގެ ސަބަބުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ މަސައްކަތުގެ ދުވެލި ހަލުވިވެ، ފަސޭހަކަމާއި އަވަސްކަމާ އެކު ރައްޔިތުންނަށް އަދުލު އިންސާފު ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދިއުން." އަމްޖަދު ވިދާޅުވި އެވެރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ބޭނުންކުރަން ފެށުމުން ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލް ނުވެ، ދިގުލައިގެން ދިއުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ އެވެ.