ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުން ހިމެނޭހެން ރާއްޖެއާއި ލަންކާއާ ދެމެދު ދެ އެއްބަސްވުމެއް
ހަސަން ހަލީމް
28 ޖުލައި 2025 - 19:42
0 comments
ރާއްޖެ އާއި ލަންކާއާ ދެމެދު މިއަދު ބަދަލުކުރި އެއްބަސްވުންތަކަށްފަހު ފޮޓޯއެއް ނަންގަވަނީ
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ދެ ދާއިރާއަކުން އެއްބަސްވުން ބަދަލުކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރައީސް އޮފީހުގައި ވަނީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.ދެގައުމުގެ ދެމެދުގައި ސޮއިކޮށްފައި ވަނީ،- ފޮރިން މިނިސްޓްރީއާއި ބަންޑާރަނަޔަކެ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރޭނިން އިންސްޓިޓިއުޓް ގުޅިގެން ޑިޕްލޮމެޓިކް ޓްރެއިނިން ދިނުން: މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ތަފާތު ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބޭނެއެވެ. އަދި މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ ދެ ގައުމުގެ ދެމެދުގައި ހިއްސާކުރުމަށް ވެސް މަގުފަހިވާނެއެވެ.
- ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދިނުން: މި ޓްރީޓީގެ ބޭނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ދިނުންކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ޓްރިޓީގެ ދަށުން، އެ އުމެއްގެ ގާނޫނުތަކާއި ގާވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި މި ޓްރިޓީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގަ އެހީތެރިކަން ދޭންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
އަދި މައްސަލަ ތަހުގީގުކުރުމުގައާއި ޝަރީއަތް ހިންގުމުގައާއި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގަ އެހީތެރިކަން ދިނުން ހިމެނެއެވެ. މިޓްރިޓީގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެ ގައުމެއްގަ ގާއިމްކޮށްފަވާ ސެންޓްރަލް އޮތޯރިޓީން ކަމަށް ބަޔާންކޮށްފައިވެ އެވެ.މިއީ ސެޕްޓެމްބަރު 2024ގައި ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތް އަނޫރާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.ރާއްޖެ އާއި ސްރީ ލަންކާގެ ހާރިޖީ ގުޅުމަށް މިއަހަރު 60 އަހަރު ވަނީ ފުރިފަ އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރީ ރާއްޖޭގެ މިނިވަން ދުވަހު، 26 ޖުލައި 1965 ގައެވެ.ސްރީލަންކާ އަކީ ދިވެހީން އެންމެ ގިނަ އަދަދަކަށް ގޮސް އުޅޭ އެއް ގައުމެވެ. ބޭސްފަރުވާގެ ބޭނުން ނޫނަސް، ފަތުރުވެރިންގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ ދިވެހީން އެ ގައުމަށް ކޮންމެ އަހަރަކު ޒިޔާރަތް ކުރެ އެވެ. އޭގެ އިތުރުން ސްރީލަންކާ އަކީ އެންމެ ގިނަ ދިވެހީން ދިރިއުޅޭ ވެސް އެއް ގައުމެވެ.
ކިޔުންތެރިންގެ ޝުއޫރު