
ބ. އަތޮޅުގެ ރަށްރަށަށް މިއަދު ރައީސް ދަތުރުފުޅު ފެއްޓެވި އިރު އެ އަތޮޅު ކުޑަރިކިލުގައި މަގުތައް ހަދާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އެއީ 600އެއްހާ މީހުންގެ އާބާދީއެއް އޮންނަ އެންމެ 30 ހެކްޓަރު ހަމަވާ ރަށެކެވެ.އެ އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުގެ ތެރެއިން ފުރަތަމަ މަންޒިލް، ކަމަދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ރަށެއްގެ މަގުތައް ތާރު އަޅައިގެން ނޫނީ ގާ އަތުރައިގެން މަގުތައް ހެދުމަކީ އެމަނިކުފާނު ވަކި މާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ.ކަމަދޫގެ ކައުންސިލުން ހުށަހެޅީ އެފަދަ ގޮތަކަށް އެ ރަށުގެ މަގުތައް ހެދުމަށްކަން ރައީސް ފާހަގަކުރެއްވި އެވެ. ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ކަމަދޫގައި މަގުތައް ހަދަނީ މިހާރު ވެސް އޮންނަ ގޮތަށް ވެލި މަގުތައް ރީތިކޮށް ބާއްވައިގެން ފެން ހިންދާ ނިޒާމެއް ހިމަނައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ."ގުދުރަތީ ރީތިކަން ބެލެހެއްޓޭ ގޮތަކަށް، ނޫނިއްޔާ ނެތިގެން ނުދާނެ ގޮތަކަށް މަގުތައް ހަދަން ޖެހޭ. [އެ ރަށެއްގެ] ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" ރައީސް ވިދާޅުވި އެވެ."ކޮންމެހެން މާ ހާޑު ސާފޭސްއެއް ގޮތަށް ތާރު އެޅުން، ގާ އަތުރައިގެން ކޮންމެހެން މަގުތައް ހެދުމަކީ މާ މުހިންމު ކަމެއް ނޫން. އެހާ ރަނގަޅު ކަމެއް ވެސް ނޫން. ހާއްސަކޮށް ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށްރަށުގައި."ރައީސް ވިދާޅުވި ގޮތުގައި މަގުތައް ހަދާއިރު އިގްތިސާދީ ގޮތުން އެ ރަށަކަށް ފައިދާ ވާނެ ގޮތްތަކަށް ބަލާނެ އެވެ.