ދަރަވަންދޫ އެއާޕޯޓު އައިއޭއެސްއާ ހަވާލުކޮށް، ތަރައްގީ ކުރަނީ
އިސްމާއިލް ރިޒާ
14 އޯގަސްޓް 2025 - 00:15
0 comments
ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓް - ފޮޓޯ: މިހާރު
ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރަން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ދަރަވަންދޫ އެއާޕޯޓުން ހިދުމަތް ދިން ނަމަވެސް އެއާޕޯޓަށް އިތުރު ތަރައްގީ ގެނައުމަށް މަސައްކަތްތައް ކުރެވިފައި ނެތް ކަމަށެވެ.މިހާރު ވެސް ހިންގާ އެއާޕޯޓުތައް ތަރައްގީ ކުރުމަށް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ދަރަވަންދޫ އެއާޕޯޓު ވެސް ތަރައްގީ ކުރަން ނިންމާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ. އެއާޕޯޓު ހުޅުވާ ހިދުމަތް ދޭން ފެށީ 2012 ވަނަ އަހަރު އެވެ."ސަރުކާރުން މިތަނަށް އިންވެސްޓުކޮށް ޑިވެލޮޕްކޮށްފައިވާ ފަރާތާއެކު މަޝްވަރާ ކުރިއަށް ގެންދާނަން. ގެންގޮސް އެ ފަރާތާ އެކީގައި، ދެ ފަރާތަށް އެއްބަސްވެވޭ ފަދަ އެއްބަސްވުމަކަށް އައިސް އެ އެއާޕޯޓު އެ ފަރާތުން ނަގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އައިލެންޑް އޭވިއޭޝަނުން އެތަން ސަރުކާރުން ބޭނުންވާ ފެންވަރަށް، ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓްކުރުމަށް ހަވާލުކުރުމަށް ސަރުކާރުން ނިންމާފައިވާ ވާހަކަ އަޅުގަނޑު އިއުލާންކުރަން،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ ގަވައިދާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ.ރައީސް ވިދާޅުވީ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތަށް އައިލެންޑް އޭވިއޭޝަން އޮތީ ތައްޔާރަށް ކަމަށާއި އެއާޕޯޓު ތަރައްގީވުމުން އޭގެ ހެޔޮ އަސަރު މުޅި ބ. އަތޮޅަށް ވެސް ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު