
އެމްޑަބްލިއުއެސްސީ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ތާނގީ ބޭނުންކުރަން ފަށްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އަދި އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު އެވެ.އެމްޑަބްލިއުއެސްސީން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލީ މަސައްކަތް ފެށި 24 މީޓަރު އުސް އެ ތާނގީގައި 10،000 ޓަނުގެ ފެން ރައްކާކުރެ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި ބެހެއްޓި އެންމެ ބޮޑު ތާނގީ ކަމަށް އެ ކުންފުނިން ބުނެ އެވެ.އެ ތާނގީއާއެކު ހުޅުމާލޭގައި ފެން ރައްކާ ކުރެވޭ މިންވަރު 22،600 ޓަނަށް އިތުރުވެ، ޖުމްލަ ފެން ރައްކާ ކުރެވޭ މިންވަރު 79 ޕަސަންޓު އިތުރުވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.އަދި މިއީ އެމްޑަބްލިޔުއެސްސީގެ އެންމެ މުހިންމު އެއް އަމާޒު ކަމަށްވާ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.މިފަހުން މާލެއަށް އެންމެ ބޮޑު ފެނުގެ ކާރިސާއެއް ކުރިމަތިވީ 2014ވަނަ އަހަރެވެ. އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ އިންޖީނެއްގައި ރޯވެ ހިނގި ހާދިސާއަކާ ގުޅިގެން ހަފުތާއަކަށްވުރެ ގިނަ ދުވަހު މުޅި މާލެ ފެނަށް ޖެހުނެވެ. އެ ދުވަސްވަރު، ފެނަށް ޖެހުމުން، އަވަށްޓެރި ގިނަ ގައުމުތަކަކުން ވަނީ އެތައް ޓަނެއްގެ ފެން ހަދިޔާ ކޮށްފައެވެ.