
އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ އިދާރީ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޮވާފައިވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.މި މަޤާމަށް ސަލްމާގެ ނަން ހުށަހަޅާފައިވަނީ އޭޝިއާ ޕެސިފިކް ގްރޫޕުގެ ފުރިހަމަ އަޣުލަބިއްޔަތުން ކައުންސިލްގެ ބިއުރޯގައި އެ ގުރޫޕަށް ނިސްބަތްވާ ގައުމުތައް ތަމްސީލު ކުރުމަށެވެ.ޑރ. ސަލްމާގެ އިތުރުން މަޖިލީހުގެ ބިއުރޯގެ އެހެން ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނީ ޗިލޭ، ކޮންގޯ އަދި ރޮމޭނިއާ ގެ ދާއިމީ މަންދޫބުންނެވެ.އދ.ގެ މުހިންމު މަގާމުތައް މީގެ ކުރިން ވެސް ރާއްޖެއިން ފުރައިފައިވެއެވެ. އެގޮތުން އަންނަ ސެޕްޓެންބަރު މަހު ފަށާ, އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަންގެ ނައިބު ރައީސްކަން ކުރަން ރާއްޖެ އިންތިޚާބުވެފައިވެއެވެ.އޭގެ ކުރިން، ރާއްޖޭގެ ފަރާތުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ވެސް ބަލަހައްޓަވައިފައެވެ.ރާއްޖެއިން އދ. އާ ގުޅުނީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 25 ދުވަސް ފަހުން، ސެޕްޓެންބަރު 21، 1965ގައެވެ.