ޚަބަރު
ހެޔޮއެދޭ މީހުންގެ ފަރާތުން އަބްދުއްރަހީމަށް 9 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މި އަހަރުގެ ތެރޭގައި ހަދިޔާގެ ގޮތުގައި ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބުނު ކަން މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

އަބްދުއްރަހީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައިވާ ގޮތުން ދަތުރުފަތުރު ކުރުމަށާއި ކްރެޑިޓް ކާޑުތަކުގެ ފައިސާ ދެއްކުމަށް ހެޔޮ އެދޭ މީހުންގެ ފަރާތުން 958،982.48 ރުފިޔާ އޭނާއަށް ލިބުނެވެ.

މިއީ މަޖިލީހުން ލިބުނު މުސާރައަށްވުރެވެސް ބޮޑު އަދަދެކެވެ. މާލީ ބަޔާނުގައިވާ ގޮތުން މުސާރައިގެ ގޮތުގައި އޭނާއަށް ލިބުނީ 658،894.95 ރުފިޔާ އެވެ.

އަބްދުއްރަހީމަށް ވިޔަފާރި ނަފާ، ކުލި، އިންޓްރަސްޓް އަދި ކުންފުންޏާއި ޕާޓްނާޝިޕް ހިއްސާގެ ފައިދާ ނުލިބޭކަން މާލީ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މާލީ ބަޔާނަށް ބަލާއިރު މި އަހަރުގެ ޖުލައި ދެވަނަ ދުވަހާ ހަމައަށް އަބްދުއްރަހީމްގެ ބޭންކް އެކައުންޓްގައި ހުރީ 101،698.21 ރުފިޔާ އެވެ.

މީގެ އިތުރުން ރެހެންދި ފްލެޓުން ތިން ކޮޓަރީގެ އެޕާޓްމެންޓެއް 2017 ވަނަ އަހަރު ގަތީ ދިރިއުޅުމަށް އެއްކޮށްފައިވާ ފައިސާ އާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީގެ އިތުރުން އަނބުރާ ދައްކާ ގޮތަށް ހެޔޮ އެދޭ ފަރާތްތަކުން ލޯނުގެ ގޮތުގައި ހޯދި ފައިސާ އިން ކަމަށް މާލީ ބަޔާނުގައިވެ އެވެ.

އަބްދުއްރަހީމްގެ ނަމުގައި 3.5 މިލިއަން ރުފިޔާގެ ކަނޑު އުޅަނދަކާއި
67،000 ރުފިޔާގެ ސައިކަލެއް އޮތްކަން މާލީ ބަޔާނުން އެނގެ އެވެ. 

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް އާންމު ކުރަން ފެށީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަދި މިހާތަނަށް ހުރިހާ މެންބަރުންގެ ބަޔާންތަކެއް ވެބްސައިޓަކަށް ނުލަ އެވެ.

މަޖިލީހުގެ ވެބްސައިޓަށް މިވަގުތު އަޕްލޯޑުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު، ބަޔާންތައް ފަރުމާކޮށްފައި ވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ފެނެ އެވެ. ބަޔާންތަކުގައި ހިމަނާފައި ވަނީ އަހަރެއްގެ ތެރޭގައި ލިބުނު އާމުދަނީ އާއި ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއި އަމިއްލަ ނަމުގައި ހުރި ދަރަނި/ލޯނުތަކާއި އަމިއްލަ ނަމުގައި ހުރި މުދަލުގެ ތަފުސީލެވެ.

އޭގެ އިތުރުން، އެއްވެސް ކުންފުންޏެއްގައި ހިއްސާއެއް އޮތް ނަމަ އޭގެ ތަފުސީލާއި ނަގުދު ފައިސާގެ ގޮތުގައި ހުރި ފައިސާގެ އަދަދާއި ވިއްކާލާފައިވާ ބައެއް ކެޓަގަރީތަކުގެ މުދަލުގެ ތަފުސީލާއި އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ގޮތުގައި ބެލެވޭ އެއްވެސް އެއްޗެއްގެ ތަފުސީލު ވެސް ބަޔާންތަކުގައި ހިމަނަންޖެހެ އެވެ.

މިހާތަނަށް އަޕްލޯޑުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު އާދަޔާ ހިލާފު މުއްސަނދިކަމެއް ލިބިފައިވާ އެއްވެސް މެންބަރަކު ފާހަގައެއް ނުވެ އެވެ. އެއާ ހިލާފަށް، ގިނަ އަދަދެއްގެ މެންބަރުންގެ ބޭންކު އެކައުންޓުގައި ހުރީ ނިސްބަތުން މަދު ފައިސާއެއްކަން އެނގެ އެވެ. އަދި ގިނަ މެންބަރުން ބޮޑެތި އަދަދުތަކުން ލޯނު ނަގާފައިވާކަން ފާހަގަ ކުރެވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
13%
25%
13%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު