ޚަބަރު
ސުޕްރީމު ކޯޓުން ރައީސް މުއިއްޒަށް ތައުރީފު ކުރުމުން ކަންބޮޑުވުމާއި ފާޑު ކިޔުން!
ގަނީ އުއްތަމަ ފަނޑިޔާރުގެ ލިޔުމާ ހަވާލުވެވަޑައިގަންނަވަނީ - ފޮޓޯ/ރައީސް އޮފީސް
އާމްދަނީން ކަނޑައެޅޭ ވަކި ޕަސެންޓެއް ޖުޑިޝަރީއަށް ކަނޑައަޅަން ނިންމެވިކަން އިއުލާންކޮށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި އެކްސް ޕޯސްޓާ ގުޅިގެން ސުޕްރީމު ކޯޓުން ތައުރީފު ކުރުމުން އެ ކޯޓަށް ފާޑު ކިޔުން އަމާޒުވެއްޖެ އެވެ. 

ސުޕްރީމް ކޯޓުން ވަނީ ރައީސް 'އެކްސް'ގައި ލިޔުއްވި ޕޯސްޓު، ކޯޓްކޮށް ރިޕޯސްޓުކޮށްފަ އެވެ.

ރައީސް މުއިއްޒުއަށް ޝުކުރުއަދާކޮށް ސުޕްރީމް ކޯޓުން ކުރި ޕޯސްޓްގައި ބުނެފައިވަނީ މި ނިންމުން ދެމެހެއްޓެނިވި ނިންމުމަކަށް ހެދުމަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ނިންމީތީ ޝުކުރު އަދާކުރާ ކަމަށެވެ. 

އެ ނިންމުން ވެގެން ދާނީ ޝަރުއީ ދާއިރާގެ ކުރިއެރުމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް ވަރަށް ތާރީހީ ނިންމުމަކަށް ކަމަށް ވެސް އެ ކޯޓުން ބުންޏެވެ. 

"މާލީ ގޮތުން ޖުޑީޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ހޯދުމަށް ފަސޭހަވެ، އަދުލުއިންސާފު ގާއިމުކުރުމުގެ މަސައްކަތް އިތުރު ހަލުވި ކަމެއް އަންނާނެ ކަމަށް އުއްމީދުކުރަން،" ސުޕްރީމް ކޯޓުން ބުންޏެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، އަދުލު އިންސާފުގެ ބާރުގެ އެންމެ މަތީ ކޯޓުން ސޯޝަލް މީޑިއާގައި އެގޮތަށް ރައީސުލްޖުމްހޫރިއްޔާ މުއާމަލާތްކުރުމަކީ، ރަސްމީ އުސޫލާއި، ހަމަތަކާ ވަރަށް ބޮޑަށް ޚިލާފު، ކުރަން ނުވާވަރުގެ ކަމެއް ކަމަށެވެ.


ކުރީގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ވެސް ވަނީ ސުޕްރީމު ކޯޓުގެ ޕޯސްޓަށް ފާޑު ކިޔައިފަ އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުގެ ނިންމުން ކޯޓުގެ ފަރާތުން ފާހަގަ ކުރުމުގައި ގޯހެއް ނެތެވެ.

ނަމަވެސް ރައީސްގެ ޕޯސްޓު ޝެއާކޮށް، ބޭނުންކޮށްފައި ހުރި ބައެއް ބަސްތަކަކީ ޖުޑިޝަލް އެތިކްސް އާ ފުށޫ އަރާ ބަސްތަކެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އުފާކުރައްވައި މަރުހަބާ ދަންނަވައި ރައީސަށް ޝުކުރުދަންނަވައި މި ބަސްފުޅުތަކުން ސްޕްރީމް ކޯޓުން ޓްވީޓްކުރެއްވުމަކީ ޖުޑިޝަލް އެތިކްސް އާ ފުށުއަރާކަމެއް ކަމަށް ދެކެން." ގާނޫނީ ވަކީލު އިމްތިޔާޒުގެ ޕޯސްޓުގައި ފާހަގަ ކުރެއްވި އެވެ.


މީގެ އިތުރުން ބައެއް މީހުން ބުނީ ސުޕްރީމް ކޯޓުން ސަރުކާރަށް ތާއީދުކޮށް އަދި ރައީސުލްޖުމްހޫރިއްޔާއަށް ސަނާކިޔުމަކީ ދެވޭ ވަރަށް ނުބައި މެސެޖެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިން ތަކަށްވުރެ ބޮޑު އަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށް ވެސް ވަނީ ނިންމާފައި ކަމަށެވެ.

އެގޮތުން މިކަމަށްޓަކާ ގާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.


އާންމު އުސޫލެއްގެ މަތިން، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުން ވެސް މުއާމަލާތު ކުރުމުގެ ވަކި ހަމަތަކެއް އިސްކުރަން ޖެހެއެވެ. އަދި ކޯޓުތަކުގައި ވެސް އާންމުންނަށް މައުލޫމާތު ދިނުން ފަދަ ކަންކަމުގައި ހަރުދަނާ، އުސޫލުތަކެއް ގެންގުޅެއެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު