ވިޔަފާރި
ބީއެމްއެލްއިން އެމެކްސްއާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރަނީ
ގައުމީ ބޭންކް ބީއެމްއެލާއި ޑެބިޓާއި ކްރެޑިޓް ކާޑުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދޭ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ގުޅިގެން އެ ކާޑު މެންބަރުންނަށް ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމުގެ ގޮތުން ކެމްޕެއިނެއް ފަށައިފިއެވެ.

މިއީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަދި ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އެންޑޯޒްކޮށްފައިވާ ކެމްޕޭނެކެވެ. 

ބީއެމްއެލް އިން ބުނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި ކެމްޕޭންގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑުގެ މެމްބަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ހާއްސަ އޮފާތަކެއް ލިބޭނެ ކަމަށެވެ. އަދި ސްޕާ ޓްރީޓްމަންޓް، ބީޗް ޑައިނިން އާއި މޫދު ކުޅިވަރު ހަރަކާތްތަކާއި ފްލޯޓިން ބްރޭކްފާސްޓާއި ރޫމް އަޕްގްރޭޑްގެ އިތުރުން ލޯކަލް އެޑްވެންޗާ ފަދަ ތަޖުރިބާތައް ވެސް ފަސޭހަކަމާއެކު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، އެކްސްޕީރިއެންސް މޯލްޑިވްސް ކެމްޕޭން ހަގީގަތަކަށް ހެދުމަށް އެމެރިކަން އެކްސްޕްރެސްއާއެކު ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ކެމްޕޭނުން، ރާއްޖޭއަށް ޒިޔާރަތްކުރާ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފާތަކަކާއެކު ރާއްޖޭގެ ރީތި މަންޒިލްތަކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި މި ކެމްޕޭނުގެ ސަބަބުން ލަގްޒަރީ ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށާއި މި ކެމްޕޭނުގައި ބައިވެރިވާ މަރޗަންޓުންނާއެކު، ރާއްޖެއަކީ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި މާކެޓްކުރެވުގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއްކަން ފާހަގަކުރައްވައި ދިވްޔާ ވިދާޅުވީ، މި ކެމްޕެއިންގެ ސަބަބުން އެމެކްސް ކާޑު މެންބަރުންނަށް ތަފާތު ތަޖުރިބާތަކެއް ހޯދައިދެވި، ފަތުރުވެރިންގެ މެދުގައި ރާއްޖެ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އިތުރަށް ޕްރޮމޯޓުވެވާނެ ކަމަށެވެ.

މިއީ ބީއެމްއެލާއި އެމެކްސް ގުޅިގެން "އެކްސްޕީރިއެންސް މޯލްޑިވްސް"ގެ ނަމުގައި މި ކެމްޕެއިން ބާއްވާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން 2017ވަނަ އަހަރާއި 2019ވަނަ އަހަރާއި 2023ވަނަ އަހަރު ވެސް މި ކެމްޕެއިން ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ ކުރިން ހިންގި ކެމްޕެއިންތަކުގައި ވެސް އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޕްރީމިއަމް ޚިދުމަތްތަކާއި އެކްސްކްލޫޒިވް ރޭޓުތަކާއި ދަތުރު އިތުރަށް ފުރިހަމަ ކުރުމަށް ކޮމްޕްލިމެންޓަރީ ޚިދުމަތްތައް ވެސް ފޯރުކޮށްދީފައިވާ ކަމަށް، ބީއެމްއެލުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު