
އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓު މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ. އެ ލިސްޓުގައިވާ ގޮތުން 353 މީޑިއާއަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އޭގެ ތެރެއިން ގިނަ މީޑިއާތަކަކީ ގަވައިދުން ނުނެރޭ ނުވަތަ ނެރުން ހުއްޓާލާފައިވާ މީޑިއާތަކެވެ. އެ ރަޖިސްޓްރީ އަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 3:00 ގެ ނިޔަލަށް އޮންނާނެ ކަމަށް އީސީން ބުންޏެވެ. މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އޮންލައިން މީޑިއާ އަދި އަނެއް ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުންގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ.މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލިއިރު އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ރާއްޖޭގެ ގިނަ މީޑިއާ ތަކެއް ތަމްސީލުކުރާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ވަނީ މި ގާނޫނަށް އަމަލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި މި ގާނޫނޫގެ ދަށުން ބާއްވާ އިންތިހާބު ވެސް ބޯއިކޮޓް ކުރާނެ ކަމަށް އެމްޖޭއޭ ވަނީ ބުނެފަ އެވެ.