މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނު ބާތިލް ކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
އެ ޖަމިއްޔާ އިން މިއަދު ބުނީ ދުސްތޫރީ މައްސަލައެެއްގެ ގޮތުގައި އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމަށް ފަހު، މައްސަލައާ މެދު ގޮތެއް ނިމުމުގެ ކުރިން މީޑިއާ ކޮމިޝަނުން އެއްވެސް މީޑިއާއަކަށް އަދަބު ދިނުން ހުއްޓުވުމަށްޓަކައި ވަގުތީ އަމުރަކަށް ވެސް އެދިފައިވާ ކަމަށެވެ.
ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމަށް އެ ގާނޫނުން ހުރަސް އަޅާ ކަމަށް އެމްޖޭއޭ އިން ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.އެމްޖޭއޭއިން އެދުނު ވަގުތީ އަމުރުގައި އެދުނީ ހައި ކޯޓުން މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ގާނޫނުގެ ދަށުން އެއްވެސް ފަރާތަކާމެދު ފިޔަވަޅު ނޭޅުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އަންގާ އަމުރުކޮށްދިނުމަށެވެ.އެފަދަ ވަގުތީ އަމުރަކަށް އެދުނީ އިމެއް ނެތި ބާރުގެ ބޭނުންކޮށްގެން މީޑިއާތަކާ ދެކޮޅަށް އަދި ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ، އަދުލުވެރިކަމާއެކު ފިޔަވަޅުތައް އެޅުމުގެ ހައްގަށް ހުރަސްއެޅި، މީޑިއާތަކާއި ނޫސްވެރިންގެ މަސައްކަތް ހުއްޓާލަން ޖެހި، ނުވަތަ ޖޫރިމަނާފަދަ އަދަބުތަކާ ކުރިމަތިލާން ޖެހިދާނެތީ އެވެ.