
އިލްމުވެރިންގެ ގުޅުމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއްކަން އެކަމުގެ ހަގީގަތް ބެލުމަށް ދިވެހިރާއްޖޭގެ އިލްމުވެރިން ކުރި ދިރާސާއިން އެނގިފައިވާ ކަމަށާއި ޔޯގާއަކީ ޝިރުކުގެ އަމަލެއް ކަމަށެވެ."ޔޯގާއަކީ އޭގެ ޒާތުގައި ހިންދޫ ދީނުގެ އަޅުކަމެކެވެ. އަދި ޝިރުކުގެ އަމަލެކެވެ. އަދި ކަސްރަތުގެ ގޮތުގައި ނުވަތަ އެ ނޫން ގޮތަކަށް ވެސް ޔޯގާ ހެދުމަކީ ހަރާމް ކަމެކެވެ. އެކަމާ ގުޅޭ ދިރާސާއިން ހާމަވީ ކަންކަމާ މެދުގައި ދިވެހިރާއްޖޭގެ 104 އިލްމުވެރިން އެއްބަސްވެވަޑައިގެން އެކަން ބަޔާން ކޮށްދިނުމުގެ ގޮތުން އިލްމުވެރިންގެ ގުޅުމުގެ ފަރާތުން އެކަން އާންމުކޮށްފައިވާނެ އެވެ،" އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނުގައި ބުންޏެވެ.އެ ބަޔާނުގައި ވަނީ ޔޯގާ ކުލާސްތަކާއި ޕުރޮގުރާމުތައް ހިންގުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ އެއްވެސް ޢަމަލެއް ނުކުރުމަށް ނަސޭހަތްތެރިވެ އެފަދަ ކަންކަން ދިވެހި ދައުލަތުގެ ތެރޭގައި އާލާވުމާއި ދެމިއޮތުން ހުއްޓުވުމަށާއި މިފަދަ ކަންކަމާ މެދު ޢިލްމުވެރިންގެ ފަރާތުން ތަކުރާރުކޮށް ދަންނަވަން ނުޖެހޭނެ ފަދަ ގޮތަކަށް ދައުލަތުގެ ހިންގުމުގެ ކަންކަން ތަރުތީބު ކުރުމަށް ދައުލަތުގެ ވެރިންނަށާއި ކަމާބެހޭ ހުރިހައި މުއައްސަސާތަކަށް ނަސޭހަތްތެރިވެފަ އެވެ.އަދި ދިވެހިންގެ އިސްލާމީ ވަންތަ ރިވެތި ސަގާފަތާއި އާދަކާދަތަކާ ބީރައްޓެހި މިފަދަކަންކަން ދިވެހި މުޖުތަމައަށް އަންނަ ކޮންމެ ފަހަރަކު ދީނީ ގޮތުން އެކަންކަމުގެ ހުކުމަކީ ކޮބައިތޯ ބަލާ، ސާފުކޮށް ދުރާލައި ރައްޔިތުންނަށް ބަޔާން ދިނުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަންތަކެއް ނަކަލުކޮށްގެން ހިންގާ ކަސްރަތުގެ ހަރަކާތްތަކެއް ކަމަށް ބުނެ، 2022 ވަނަ އަހަރު ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރި އިރު، އެކަމާ ދެކޮޅަށް ވަނީ އަޑު އުފުލައި ހަމަނުޖެހުން ހިންގައިފަ އެވެ. އެ އަހަރު ޔޯގާ ޑޭ ފާހަގަ ކުރީ ގަލޮޅު ދަނޑުގަ އެވެ.ޔޯގާ ޑޭ ފާހަގަ ކުރުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް ދަނޑަށް ވަދެގަނެ، ހަރަކާތުގެ ބައިވެރިވި ބައެއް މީހުންނަށް ވަނީ ހަމަލާދީފަ އެވެ. އެ މައްސަލައިގައި، ފިތުނަ އުފައްދައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ ބައެއް އިލްމުވެރިންނަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދައުވާތައް މި ސަރުކާރުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.އޭރު ޔޯގާގެ ހަރަކާތްތައް ރާއްޖޭގައި ކުރިއަށް ގެންދިޔުމާ ދެކޮޅަށް މިހާރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުން ވެސް ވަރަށް ބޮޑަށް އަޑު އުފުލި އެވެ. ނަމަވެސް ޔޯގާގެ ހަރަކާތްތައް މިހާރު ވެސް ރާއްޖޭގައި ކުރިއަށް ގެންދެ އެވެ.