ވިޔަފާރި
ސައީދު ހިސާބު ދިމަލެއް ނުވި، ބަންކަރިންއިން ލިބުނީ 12 މިލިއަން ޑޮލަރު!
ބަންކަރިން ހިދުމަތް ދޭން ފެށިތާ އަހަރެއް ތެރޭ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 192 މިލިއަން ރުފިޔާ ނުވަތަ 12 މިލިއަން ޑޮލަރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ސައީދު ވަނީ ބަންކަރިންގެ ހިދުމަތަކީ އެތައް ބިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކަމަށާއި، އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ސައީދު މިއަދު ދެއްވި އަދަދު ޑޮލަރަށް ބަދަލުކުރުމުން، ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ލިބުނީ 12.46 މިލިއަން ޑޮލަރެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އެއް އަހަރެއްހާ ދުވަސް ތެރޭ ބަންކަރިން ހިދުމަތުން ލިބުނު އާމްދަނީން ޓެކުހުގެ ގޮތުގައި 17 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށެވެ.


މިއަދުގެ މަޖިލިސް ޖަލްސާގައި ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އެ ހިދުމަތް ފެށިފަހުން މިހާތަނަށް ބަންކަރިން ހިދުމަތުން އާމްދަނީގެ ގޮތުގައި 192 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ފޯރުކޮށްދީފައިވާ މައުލޫމާތުތަކުން ދައްކާ ކަމަށެވެ.

"މީގެ ތެރެއިން %83އަކީ ލޯ ސަލްފާ ފިޔުލްކަން ފާހަގަ ކުރަން. މިއީ ރާއްޖެއަށް ކުރިން ގެނެސްގެން ބަންކާ ކުރި އެއްޗެއް ނޫން،" ސައީދު ވިދާޅުވި އެވެ.

ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ 19 ސެޕްޓެންބަރުގައެވެ. އެ ހިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ.

އިހަވަންދިއްޕޮޅުން ބަންކަރިންގެ ހިދުމަތް ފެށި ނަމަވެސް، އެ ހިދުމަތުގެ ވިޔަފާރި ރަނގަޅީ މާލެ ސަރަހައްދުގައި ކަމަށް މިދިޔަ މެއި މަހު ބޭއްވި އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި އެވެ.

"އިހަވަންދިއްޕޮޅުގައި އަޅުގަނޑުމެން މަސައްކަތް ފެށީ. އިހަވަންދިއްޕޮޅުގައި ހަރަކާތްތައް ކޮންމެވެސް ވަރަކަށް ދަށް. ނަމަވެސް މާލެ ސަރަހައްދުގައި އަޅުގަނޑުމެންގެ ނަތީޖާ ވަރަށް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ ވާދަވެރި އެހެން ގައުމުތަކާ އެއް ފެންވަރަކަށް އެ ހިދުމަތް ފޯރުކޮށްދޭން އަދިވެސް ގިނަ ކަންތައްތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު ކުރިއަށްދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު