ޚަބަރު
ސަރުކާރުން 206 މަޝްރޫއެއް ހިންގުމަށް ސޮއިކޮށްފި، އަލިފުށި ނެތް!
ރައީސް މުއިއްޒު އަރިހުގައި އަލިފުށީ ދާއިރާގެ މެންބަރު އަބްދުލް ލަތީފް
އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި 53 އަމިއްލަ ކުންފުންޏަކާ އެކު ވަނީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފަ އެވެ.


ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގުމަށް މިއަދު ހަވާލުކޮށްފައިވަނީ:

  • ތައުލީމީ ދާއިރާގެ 31 މަޝްރޫއު
  • ސިއްހީ ދާއިރާގެ 30 މަޝްރޫއު
  • ހޯމްލޭންޑް ސެކިއުރިޓީގެ ދާއިރާގެ 39 މަޝްރޫއު
  • ތިމާވެށީގެ ދާއިރާގެ 24 މަޝްރޫއު
  • މަސްވެރިކަމުގެ ދާއިރާގެ 2 މަޝްރޫއު
  • ކުޅިވަރާ ގުޅުންހުރި 52 މަޝްރޫއު
  • ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗާގެ 13 މަޝްރޫއު
  • ޒުވާނުންނާ ގުޅޭ 1 މަޝްރޫއު
  • ދީނީ ކަންކަމާ ގުޅުންހުރި 14 މަޝްރޫއު
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަކީ މަސައްކަތަށް ގާބިލު ކުންފުނިތައް ކަމަށެވެ. ރަށްރަށުގައި ހިންގާ މި މަޝްރޫއުތައް ޑިޒައިންކޮށްފައި ވާނީ ރައްޔިތުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަމިއްލަ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. 

އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރިއިރު، ކުރިން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ދިޔަ ރ. އަލިފުށީގެ ތަރައްގީގެ "އަޑު" މަދުވުމުގެ ޝަކުވާ އެ ރަށު ރައްޔިތުން އަންނަނީ ކުރަމުން ނެވެ.

"ހޯރަ" އަށް ވާހަކަ ދައްކަމުން އަލިފުށީ މީހަކު މިއަދު ބުނީ މުޅިން އަލަށް 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އަލިފުށީގެ އަޑު ނުއިވުމުން ހިތާމަ ކުރާ ކަމަށާއި ކުރީ ސަރުކާރުން އަލިފުށީގައި ފެށި މަޝްރޫއުތައް ވެސް މިއަދު ހުރީ ހުއްޓިފަ ކަމަށެވެ.


މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރުމުގެ މަަސައްކަތް އަދިވެސް ކުރިއަށް އެބައޮތް ކަމަށެވެ. އަދި މި މަޝްރޫއުތަކަށް ދޭންޖެހޭ ފައިސާ، އެއްބަސްވެފައިވާ ގޮތަށް ކޮންޓްރެކްޓަރުންނަށް ލިބޭނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

"ޕޭމެންޓުގެ، ފައިސާ ލިބުމުގެ އެއްވެސް ތާށިކަމެއް ނާންނާނެ މަޝްރޫއުތަކެއްގައި ސޮއިކުރެވިގެން މި ދިޔައީ. އާންމުކޮށް ސަރުކާރު ތެރެއިން ފައިސާ ދޫކުރުމުގައި އެ ހުންނަ ދަތިކަމުގެ ތެރެއިން އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެ،" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު