ޚަބަރު
ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ސޯލިހަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު އައްޑު އަތޮޅު ހުޅުދޫއަށް އުފަން މ. ޝުއާސް މުހައްމަދު ސޯލިޙަށް އަރުވައިފި އެވެ.

ޑިމްސް ސޯލިހަކީ މީގެ 43 އަހަރު ކުރިން 1983 ގައި ވިޔަފާރީގެ ތެރެއަށް ވަދެވައިގެން އަދިވެސް އެ ގޮތުގައި ދެމިހުންނެވި ބޭފުޅެވެ.

"ޑިމްސް" ގެ ނަމުގައި އާންމު ވިޔަފާރި ފައްޓަވައި، ހާޑްވެއާ އާއި ރިސޯޓުތަކަށް ބޭނުންވާ ތަކެއްޗާއި ޑިއުޓީ ފްރީ ޝޮޕާއި ބޮންޑެޑް ވެއާހައުސް އަދި ފަރުނީޗަރ ވިޔަފާރި ހިންގެވި އެވެ. އޭގެ އިތުރުން ޔަންމާ އިންޖީނާއި ސްޕެއަޕާޓްސް އެތެރެކޮށް ވިއްކަވައި، އިންސްޓޯލްމެންޓަށް ދެއްވަމުން ގެންދެވި އެވެ.

ސޯލިހު ވަނީ އައްޑޫ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު އެ ގައުމުގެ ރޯޔަލް އެއާފޯސްގައި 16 ވަރަކަށް އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ފަހުން 1978 ގައި މާލެ ވަޑައިގެން ކާގޯ ކްލިއާ ކުރުމާއި ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތް ފައްޓަވައި ވިޔަފާރީގެ ތެރެއަށް ރަސްމީކޮށް ވަދެވަޑައިގަތެވެ.

ދަމާސް ކުންފުނީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ސޯލިހު ވިޔަފާރީގެ މަސައްކަތް ފުރަތަމަ ފެއްޓެވީ 1978 ވަނަ އަހަރު އެވެ. އޭރު ރަހުމަތްތެރިންނާ އެކު ފެއްޓެވި މަސައްކަތުގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރެއްވީ ކާގޯ ކްލެޔަރެންސްގެ މަސައްކަތެވެ. ފަހުން ކޮންސްޓްރަކްޝަންގެ މަސައްކަތް ވެސް ކުރެއްވި އެވެ.

ސޯލިހު ގައުމަށް ކުރެއްވި ބައެއް ހިދުމަތްތައް:

  • ސޯލިހު ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައި

  • އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރުމަށް އަމިއްލަ އިސްނެންގެވުމަށް ވެސް ގިނަ މަސައްކަތްތައް ކުރެއްވި

  • މިހާރު ވެސް 4 ރިސޯޓާއި މާލޭގައި 3 ސިޓީ ހޮޓާ ހިންގަވާ

  • މިއަދު ވެސް ޓޫރިޒަމް ދާއިރާ އިން މީހުން ބިނާކޮށް، އެ ސިނާއަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާ

  • މެޑިކާގެ ނަމުގައި މާލޭގައި ހޮސްޕިޓަލެއް ވެސް ހިންގަވާ

  • ދައުލަތުގެ ތަފާތު ގިނަ ބޯޑުތަކާއި ގިނަ ކޮމެޓީތަކުގައި ހިދުމަތް ކުރައްވާފައިވޭ

ވިޔަފާރި އާއި އިގްތިސޯދީ ދާއިރާ އިން 2022 ވަނަ އަހަރު ސޯލިހަށް ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ.

އެނގުން މުހިއްމު - ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ. މިއީ ރާއްޖޭގައި ދައުލަތުން ދޭ ތިން ވަނައަށް އެންމެ ޝަރަފުވެރި އިއްޒަތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު