ޚަބަރު
ރައީސް މުއިއްޒު ކުރައްވާ ކަމަކީ ފޮނި ކަނޑާފައި، އަޗާތެޅުން: ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ އަވަސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ކަމަކީ ފޮނި ކަނޑާފައި، އަޗާތެޅުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. 

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މުއިއްޒު މި އަހަރު ކަނޑައެޅީ، "ބޯހިޔާވަހިކަމުގެ ރަން ޒަމާނެއް" ގޮތުގައި ކަމަށާއި ނަމަވެސް، ބޯހިޔާވަހިކަމަށް ހާއްސަކުރި ދެ ބިލިއަން ރުފިޔާ ހުސްވިއިރު، "ބޭންދުނު ގާކޮޅެއް ނެތް" ނެތް ކަމަށެވެ. ހައުސިން ލޯނު ދޫކުރުމާއެކު 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ 2025 ގެ ބެޖެޓުގައި ކަނޑައެޅި އެވެ.

"ބޯހިޔާވަހިކަމަކީ އެންމެ ހައްސާސް މައްސަލަ، ޒުވާނުންނަށް ވެސް އަދި އެހެން މީހުންނަށް ވެސް. އެހޭ ވަރަށް މި ވާހަކަ ދައްކާފަ ފޮނި ކަނޑާފައި އަޗާތެޅީ،" ޔާމީން ވިދާޅުވި އެވެ.

"[އަޗާ]ތަޅާފަ މި ދެ ބިލިއަން ރުފިޔާ ވީނުވީއެއް ނޭނގެ. އިނގޭތޯ. ބަޖެޓުގައި ޖެހި މި ފައިސާ. އަދި ޕީއެސްއައިޕީގެ ތެރޭގައި މި ފައިސާ ހުރި."

ފާހަގަކޮށްލެވޭ ގޮތުގައި ޖުމުލަ ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި، އަދި ފަހުން މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް މުއިއްޒު ވަނީ ފަސް އަހަރުގެ ތެރޭގައި 18 ފުރިފައިވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ވައުދުވެވަޑައިގެންފައެވެ. އެކަމަކު، ވެރިކަމަށް ދެ އަހަރު ވީއިރު ރަސްމާލެ ހިއްކުން ފިޔަވާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ޚަރަދުނުކުރާކަމުގެ ކަންބޮޑުވުން ބޮޑެވެ.

ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ބަޖެޓުކުރިއެވެ. އެކަމަކު، އޭގެ ތެރެއިން މިހާތަނަށް ޚަރަދުކުރީ އެންމެ 175 މިލިއަން ރުފިޔާއެވެ. އެއީ، ބަޖެޓުކުރި އަދަދުގެ އެންމެ 10 އިންސައްތައެވެ.

ސަރުކާރުން 2025 އަށް ލަފާކޮށް ހުށަހަޅަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބެޖެޓުން ރާއްޖޭގެ އެކި ސަރަހައްދުތަކަކަށް ބަހާލައިގެން 1.5 ބިލިއަން ރުފިޔާ ހައުސިން މަޝްރޫއު ހިންގާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދަކަށް 5 ޕަސެންޓު އިންޓަރެސްޓު ރޭޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. .

ރަސްމާލެ ހިއްކަން ސަރުކާރުން ބޮޑު ހަރަދެއް ކުރަމުން އަންނައިރު، ރައީސް މުއިއްޒު ވަނީ އެ ތަނާއި މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅުވާލަން ވެސް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް މި އަހަރު ނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
33%
0%
33%
33%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު