ޚަބަރު
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާސްކުރި ޒަކާތުގެ ގާނޫނު ރައީސް ތަސްދީގު ކުރައްވައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާސްކުރި ޒަކާތުގެ ގާނޫނަށް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 3 ދުވަހު ބޭއްވި މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގަ އެވެ. މި ބިލު ރައީސް މިއަދު ތަސްދީގުކުރެެއްވުމާ އެކު، މި ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.

ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާ އެކު ބަލަހައްޓައި އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް އަދި އެ ފައިސާއިން އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތުގެނމަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށް 'ޒަކާތު ފަންޑު'ގެ ނަމުގައި ފަންޑެއް އުފައްދާނެ އެވެ.

ގާނޫނުގައިވާ ގޮތުން މި ފަންޑު ބަލަހައްޓާނީ، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، އެމްއެމްއޭއިންނެވެ. މި ފަންޑު ބަހައްޓަން ޖެހޭނީ، ޕަބްލިކް ބޭންކް އެކައުންޓާ ވަކިން، އެމްއެމްއޭގައި ގާއިމުކުރެވޭ ވަކި އެކައުންޓެއްގަ އެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރާނީ ވެސް އެމްއެމްއޭ އެވެ.

މި ގާނޫނުގެ ދަށުން އާ ޒަކާތު ފަންޑު އުފެއްދުމާ އެކު، މިހާރު ހިންގަމުން އަންނަ ޒަކާތު ފަންޑުގައިވާ ހުރިހާ ފައިސާއެއް އެމްއެމްއޭގެ ބެލުމުގެ ދަށުގައި ގާއިމުކުރާ ފަންޑަށް ބަދަލުވާނެ އެވެ.

އަލަށް އަމަލުކުރަން ފަށާ ޒަކާތު ގާނޫނުގައިވާ ގޮތުން، މި ބިލުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި އޮތީ ޒަކާތު ފަންޑަށް ލިބޭ ފައިސާއިން ފުއްދުންތެރިކަން އިތުރުކޮށް، އެ ފައިސާއިން އިތުުރު މަންފާ ހޯދުމަށް ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންވެސްޓުކުރެވޭނެ ގޮތް ހެދުމެވެ.

އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގެ ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ  ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުމުގެ ކަންކަން ބަޔާންކޮށްފައިވެ އެވެ.

ޒަކާތުގެ ގާނޫނުގައި ވަނީ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ. އަދި އެ ކޮމިޓީގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ޒަކާތު ހައުސް އަށެވެ. އަދި ޒަކާތު ފަންޑު ހިންގާނެ ގޮތާއި ފަންޑުން ކުރެވޭނެ ކަންކަން ވެސް ބަޔާންކޮށްފައިވެ އެވެ.

ޒަކާތުގެ ބެހެނިވެރިއަކަށް ނުވާ މީހުންނަށް ޒަކާތުގެ ފައިސާ ދޫކުރުމާއި ހުއްދަ ކުރާ ބޭނުންތަކަށް ފިޔަވައި އިތުރު ކަމަކަށް އެ ފައިސާއިން އިންވެސްޓްކޮށްފި ނަމަ 1،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގާނޫނުގައި ކަނޑައަޅާފައި ވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު