ޚަބަރު
މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހަޅަން ބުދަ ދުވަހު ހުޅުވާލަނީ
ގައުމީ އިނާމު ދިނުމުގެ ޖަލްސާއެއްގައި ޝަރަފުވެރިކަމުގެ ބެޖު މީހަކަށް އަރުވާފައި - ފޮޓޯ/ރައީސް އޮފީސް
ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މިމަހުގެ 25ވާ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2 ޖެހުމާ ހަަމަޔަށެވެ. 

ރައީސް އޮފީހުން ބުނިގޮތުގައި މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެ އޮފީހުގެ 'ފޯމު ހުށަހެޅުން' ޕޯޓަލް މެދުވެރިކޮށެވެ. އިނާމަށް އެދި ފޯމުހުށަހަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެ އެވެ. 

ގައުމީ އިނާމު ދެއްވާނީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ. 

މިއީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ޒިކުރާ އާ ކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

މި އިނާމު ގައުމީ ދުވަހު ދޭ ގޮތަށް ބަދަލުކުރީ، ގައުމީ އިނާމަކީ ގައުމަށް ތަފާތު އެކި ރޮނގުރޮނގުން ހިދުމަތްކުރާ ބޭފުޅުންގެ އަގު ވަޒަންކުރަން ދޭ އިނާމަކަށްވާތީ، މި އިނާމު ދިނުމަށް އެންމެ އެކަށީގެން ވަނީ ގައުމީ ދުވަހު ކަމަށް ވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރަސްމީ ސިފައެއްގައި ގައުމީ ދުވަސް ފާހަގަކުރާތާ 75 އަހަރުވީ ނަމަވެސް، ގައުމީ އިނާމު ދޭން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި 1979ގަ އެވެ. މިއީ ގައުމީ އިނާމުދެމުން އަންނަތާ 47 ވަނަ އަހަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު