ޚަބަރު
ރިސޯޓް މުވައްޒަފުންނަށް ސާވިސް ޗާޖް ޑޮލަރުން ދޭން ލާޒިމް ކުރަން އިސްލާހެއް
ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު
ރިސޯޓްތަކުން ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ފައިސާ ދިނުން ހުއްޓުވައި، ސާވިސް ޗާޖް ނެގި ކަރަންސީއަކުން ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހެއް ގެންނަން ބިލެއް ހުށަހަޅައިފި އެވެ.

މި ބިލު މަޖިލީހަށް ހުށަހަޅަން ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާއަށް ގެންނަން މި ބިލުގައި ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭއިރު ދިވެހި ރުފިޔާއަށް އެ ފައިސާ މާރުކޮށްގެން ނުވާނެ ކަމަށް ކަނޑައެޅުމަށެވެ. އަދި ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހެނީ އެ ފައިސާއެއް ލިބުނު ކަރަންސީއަކުން ކަމަށް އެ ބިލްގައިވެ އެވެ.

މީގެ އިތުރުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ހޮޓެލްތަކުގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކުގައި، އެހެން ކުންފުންޏެއްގެ ފަރާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖް ދޭންޖެހޭ ގޮތަށް ހަމަޖެއްސުމަށް އެ ބިލުގައި ހުށަހަޅާފައިވެއެވެ.

މި ބިލްގައިވާ ގޮތުން ޓޫރިސްޓް ފެސިލިޓީގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތުގައި ބައިވެރިވާ މުވައްޒަފުން ކުރަނީ ޓޫރިސްޓުންނަށް ސީދާ ގޮތެއްގައި ހިދުމަތެއް ދިނުމުގެ މަސައްކަތެއްނަމަ އެ މުވައްޒަފަށް ވެސް ސާވިސް ޗާޖް ދޭންޖެހޭނެއެ ވެ.

ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި މައުރޫފް ވިދާޅުވެފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގައި ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖް ނެގުމަށްފަހު މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭ ގޮތަށް ގާނޫނުގައި ނަމަވެސް އެގޮތަށް ނަގާ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ބަހާތީ އޭގެ މަންފާ މުވައްޒަފުންނަށް ލިބުމަށް ހުރަސް އެޅޭތީ އެވެ.

އެހެންވެ، އެ ބިލް ހުށަހެޅީ މުވައްޒަފުންނަށް ސާވިސް ޗާޖްގެ ހައްގު ފުރިހަމައަށް ލިބިދިނުމަށް ކަމަށް އެ ބިލްގައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު