މިއަހަރުގެ ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްގައި، "ޓެލްކޯ އޮފް ދަ އިޔާ–ސްމޯލް މާކެޓްސް" ގެ އެވޯޑް ދިރާގުން ކާމިޔާބުކޮށްފި އެވެ.
މިއީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ގޮތުގައި ދިރާގުން ދަމަހައްޓަމުން އަންނަ މަގާމު އިތުރަށް ކަށަވަރުވެ، އެ ކުންފުނީގެ ޚިދުމަތުގެ ފެންވަރު ބައިނަލްއަގުވާމީ މައިދާނުގައި ހާމަވެގެންދިޔަ ކާމިޔާބީއެއްގެ ގޮތުގައި ދިރާގުން ވަނީ ސިފަކޮށްފައެވެ.ދިރާގުން ބުނި ގޮތުގައި އޭޝިއާގެ ކުރިއަރަމުން އަންނަ ކުދި މާކެޓްތަކަށް ޚިދުމަތް ދޭ މުވާސަލާތީ ގިނަ ކުންފުނިތަކާ ވާދަކޮށް ދިރާގަށް މި އެވޯޑު ހާސިލުކުރުމަކީ، ދިރާގުން މި ސިނާއަތުގައި ކުރަމުންދާ މުހިންމު މަސައްކަތްތައް ހާމަކޮށްދޭ ކަމެކެވެ.މި ކާމިޔާބީއާ ގުޅޭ ގޮތުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ، މި އެވޯޑްއިން ރަމްޒު ކޮށްދެނީ ދިރާގުން ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ސާބިތުކަމާއިއެކު ހޯދަމުން ގެންދާ ކުރިއެރުންތަކާއި ކަސްޓަމަރުން ކުރާ އިތުބާރު ކަމަށެވެ. އަދި ދިރާގު ޓީމުގެ މިންނަތް މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ."ވޭތުވެދިޔަ އަހަރު ދިރާގުން ރާއްޖޭގެ މުވާސަލާތީ ތާރީހުގައި މުހިންމު ލަނޑުދަނޑިއެއް ހާސިލްކޮށް، މީހުން އުޅޭ ހުރިހާ ރަށެއްގައި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ ނިންމުމާއެކު މިއަދު މިވަނީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް މޯބައިލް އަދި ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފައިބާ މެދުވެރިކޮށް ހުރިހާ ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށް ދެވިފައި. އެހެންވެ، މި އެވޯޑް މިއަހަރު ލިބުމަކީ އަޅުގަޑުމެންގެ މި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ތަރުހީބެއް" އޭނާ ވިދާޅުވި އެވެ.
ދިރާގުން ދޭ އެކި ހިދުމަތްތައް ފާހަގަކޮށް ބައިނަލްއަގުވާމީ އެކި އެވޯޑުތައް ދިރާގުން ކޮންމެ އަހަރަކު ވެސް ހާސިލްކުރެ އެވެ.