ޚަބަރު
91 މިލިއަން ރުފިޔާއަށް ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
ހުޅުމާލޭގެ މަގުތައް ޒާމާނީ ފެންވަރަށް ހަދަން ހަވާލުކުރި ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރަނީ
ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން ކަމަށާއި އެ މަޝްރޫއުގެ އަގަކީ 91.8 މިލިއަން ރުފިޔާ ކަމަށް، އެޗްޑީސީން މިއަދު ބުނެފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނިގޮތުގައި މި މަހުގެ 3ގައި އެ މަޝްރޫއު ހަވާލުކުރީ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގައި ވަގުތީ 'ވޯކްސް އެކޮމޮޑޭޝަނެއް' ތަރައްގީކުރަން މިދިޔަ ސަރުކާރުގައި ހަވާލުކުރި ކުންފުންޏެކެވެ. 

އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ އަގަކީ، ޖީއެސްޓީ ހިމެނޭ ގޮތަށް 91,860,829ރ. އެވެ. އެ ފައިސާ ދައްކަން ހަމަޖައްސާފައިވަނީ ކޭޝްފްލޯ އަށް ދަތިނުވާނެ ގޮތަށް 50 ޕަސެންޓު ފައިސާ އެއް އަހަރަށް ބަހާލައިގެންނެވެ. ބާކީ 50 ޕަސެންޓު ފައިސާ ދައްކަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރަށް ބަހާލައިގެންނެވެ.

އެޗްޑީސީން ބުނީ މަގު ހަދަން ބޭނުންވާ ސާމާނާއި މެޝިނަރީ މޮބިލައިޒްކޮށް، ވީ އެންމެ އަވަހަށް މަސައްކަތް ފަށާނެ ކަމަށެވެ. އަދި އަވަހަށް މަސައްކަތް ނިންމައި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުގެ ފަސޭހަތައް ލިބުމަކީ އަމާޒެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ، މި މަސައްކަތް ކުރިއަށް ދާނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހިން ފަށައިގެން ދެވަނަ ފިޔަވައްސަށް ނިންމާ ގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު