ވިޔަފާރި
ސަރުކާރުގެ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑު ގެއްލުމެއް
ކުރިން ވަރަށް ބޮޑަށް ފައިދާގައި ހިންގި އެމްޓީސީސީއަށް ވެސް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވީ ގެއްލުން
ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ 280 މިލިއަން ރުފިޔާގެ ގެއްލުންވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕީސީބީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު ގެއްލުމެއް ވީ، އާރްޑީސީއަށެވެ. އެ ކުންފުންޏަށް 113 މިލިއަން ރުފިޔާގެ ގެއްލުން ވެފައި ވާއިރު މިދިޔަ އަހަރު ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މިއީ 189 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ގެއްލުމަކީ 39.35 މިލިއަނެވެ.

ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ، އައިލެންޑް އޭވިއޭޝަނަށެވެ. އެ ކުންފުނީގެ ގެއްލުން 46 މިލިއަން ރުފިޔާއަށް އަރަ އެވެ.

ތިން ވަނައަށް އެންމެ ބޮޑު ގެއްލުމެއްވީ ފެނަކައަށެވެ. އެ ކުންފުންޏަށް ވަނީ 33 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ.

ގެއްލުމުގައި ހިނގި ކުންފުނިތަކުގެ ތެރޭގައި ގިނައީ ދައުލަތުން ބަޖެޓް ސަޕޯޓް ފޯރުކޮށްދޭ ކުންފުނިތަކެވެ. ދައުލަތުގެ ބަޖެޓުން 12 ކުންފުންޏަކަށް ފައިސާ ދޭ އިރު އެއިން 10 ކުންފުންޏެއް ހިންގަނީ ގެއްލުމުގަ އެވެ. އެ ގޮތުން:

  • އާރުޑީސީ -113.73 މިލިއަން ރުފިޔާގެ ގެއްލުމެއް

  • ފެނަކަ - 33.72 މިލިއަން ރުފިޔާގެ ގެއްލުމެއް

  • އައްޑޫ އެއާޕޯޓް - 17.55 މިލިއަން ރުފިޔާގެ ގެއްލުމެއް

  • އެފްޑީސީ - 14.05 މިލިއަން ރުފިޔާގެ ގެއްލުމެއް

  • ޓްރޭޑްނެޓް - 10.55 މިލިއަން ރުފިޔާގެ ގެއްލުމެއް

  • ފަންޑު މެނޭޖުމަންޓް (އެމްއެފްއެމްސީ) - 7.15 މިލިއަން ރުފިޔާގެ ގެއްލުމެއް

  • ހައްޖު ކޯޕަރޭޝަން - 6.6 މިލިއަން ރުފިޔާގެ ގެއްލުމެއް

  • ޕީއެސްއެމް - 5.72 މިލިއަން ރުފިޔާގެ ގެއްލުމެއް

  • ބީސީސީ - 3.65 މިލިއަން ރުފިޔާގެ ގެއްލުމެއް

  • ޕޯސްޓް - 2.26 މިލިއަން ރުފިޔާގެ ގެއްލުމެއް

ސަރުކާރުން ބަޖެޓް ދޫނުުކުރާ ކުންފުނިތަކުގެ ތެރެއިން ވެސް ދެ ކުންފުންޏެއް މި އަހަރު ފުރަތަމަ ކުއާޓަރުގައި ލިބުނީ ގެއްލުމެވެ. އެ ގޮތުން:

  • އައިލެންޑް އޭވިއޭޝަން - 46.36 މިލިއަން ރުފިޔާގެ ގެއްލުމެއް

  • އެމްޓީސީސީ - 19.66 މިލިއަން ރުފިޔާގެ ގެއްލުމެއް


ދައުލަތުން ކޮންމެ އަހަރަކު ވެސް ކުންފުނިތަކުގެ ހަރަދުތައް ހަމަޖެއްސުމަށް ބޮޑު ހޭދައެއް ކުރެ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިހާރު ވެސް ގާތްގަނޑަކަށް 35،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ.




ފާހަގަކޮށްލެވޭ ގޮތުގައި، ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުކުރި 378.3 މިލިއަން ރުފިޔާއަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު، ކޮރަޕްޝަން އިތުރުވުމާއި، ސިޔާސީ މަގުސަދުތަކަށް ބޭނުންނުވާ ވަރަށް މުވައްޒަފުން ނަގާކަމުގެ ޝަކުވާ ބޮޑެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު