ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑް މެންބަރުކަމުން މޫސާ ފަތުހީ އާދަމް އިސްތިއުފާ ދެއްވައިފި އެވެ. 
ޕީސީބީން ބުނީ އޭނާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅާފައިވާ ކަމަށެވެ.
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް -- ކޮންގްރެސް ޕާޓީން ވަނީ އޭނާ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް އައްޔަނު ކުރައްވާފަ އެވެ.
ޕީސީބީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ އަމީންއާއްމު މަގާމު ފެންވަރުގެ މަގާމެއްގައި ހުރެ، ޕީސީބީގެ މެންބަރުކަން ނުކުރެވޭނެ އެވެ.މި ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމާއި، އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށްދޭތޯ ބެލުމެވެ. ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑަށް މެންބަރުން އައްޔަނުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.ފަތުހީ އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ހަ މެންބަރުންނެވެ. ގާނޫނު ބުނާގޮތުން ބޯޑުގެ މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި އެ މަގާމަށް އާ މީހަކު އައްޔަނު ކުރަން ޖެހެ އެވެ.