ޚަބަރު
މަޝްރޫއުތައް ބަހާލުން ކޮރަޕްޝަނުގެ މާނައަށް ފެތޭ: ޒަރިޔަންދު
ރޭގެ ބައްދަލުވުމުގައި ޒަރިޔަންދު ވާހަކަ ދައްކަވަނީ - ފޮޓޯ/ރައީސް އޮފީސް
ޖުމްލަ 206 މަޝްރޫއު އަމިއްލަ ކުންފުނިތަކަށް "ބަހާލިއިރު" ކަންތައްތައް ކޮށްފައި އޮތީ ދައުލަތުން ރާވައިގެން ހިންގާ ކޮރަޕްޝަނުގެ މާނައަށް ފެތޭ ގޮތަށް ކަމަށާއި ދައުލަތް ސަލާމަތް ކުރުމަށް މާލިއްޔަތު ގަވައިދުގެ ފަހުގެ އިސްލާހު މުރާޖައާކޮށްދިނުމަށް މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިސްމާއިލް ޒަރިޔަންދު، ރައީސް މުހައްމަދު މުއިއްޒު އަރިހުން އެދެވަޑައިގެންފި އެވެ.

ނޮވެމްބަރު 6، ގައި ސަރުކާރުން ބޮޑު ހަފުލާއެއް ބާއްވާ ރައީސް މުހައްމަދު މުއިއްޒުގެ ވައުދު ފުއްދުމަށްޓަކައި 206 ޕްރޮޖެކްޓެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރީ ބީލަމަކަށް ނުލައި، އަދި އެއްވެސް ހާމަކަމެއް ނެތި އެވެ. މި މައްސަލަ އެމްޑީޕީން ވަނީ އޭސީސީއަށް ވެސް ހުށައަޅައިފަ އެވެ.

ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ރޭ ގަލޮޅު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ޒަރިޔަންދު ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދަށް ފާއިތުވި ދެ އަހަރު ގެނައި އިސްލާހުތަކާއި އެ އިސްލާހުތައް ގެނެސް ދައުލަތުގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރުމުގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަވައިފަ އެވެ.  

"އަޅުގަނޑުގެ ހަޔާތުގައި 2002 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް މާލިއްޔަތު ގަވައިދު ހަދާ ކޮމެޓީގައި 15 ވަރަކަށް އަހަރު އިން އިރުގައި ވެސް އަޅުގަނޑުމެން ހިފަހައްޓަމުން، އެއްވެސް ރައީސަކަށް ދޫކޮށް ނުލާ އޮތް އުސޫލެއް އެއީ،" ޒަރިޔަންދު ވިދާޅުވި އެވެ.

އެ އުސޫލުގެ ދަށުން ވަކި ފަރާތަކަށް ސީދާ ގޮތެއްގައި މަސައްކަތެއް ހަވާލުކުރިޔަސް އެ މަސައްކަތެއް ހަވާލުކުރާ ފަރާތަކާ ގުޅޭ ތިން ކަމެއް ބަލަމުން އައިސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

"އެހެން މި ދަންނަވަނީ. ޔޫއެން އޯޑީސީގަ ކޮރަޕްޝަން މާނަކޮށްފަ އޮންނަ އޮތުމުގަ، ސަރުކާރުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނަށް ފެތޭ ގޮތަށް މިކަން މި ގޮސްފަ މިއޮތީ،" ޒަރިޔަންދު ވިދާޅުވި އެވެ.

މިކަން މުއިއްޒު އަދި ބަންޑާރަ ނައިބު ރަނގަޅަށް ބައްލަވަން ޖެހޭ ކަމަށާއި މިއީ މާލީ ގޮތުން ކުރިއަށް އޮތް ޖީލުތަކަށް ލިބިދާނެ ބޮޑު ގެއްލުމަކުން ގައުމު ސަލާމަތް ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޒަރިޔަންދު ސިފަކުރެއްވި އެވެ.

އެ މަޝްރޫއުތައް ހިންގަން ކުންފުނިތަކަށް ލޯނު ދެނީ ބޭންކުން ކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ ވިޔަފާރި ހުއްޓާލަން މަސައްކަތް ފަށާފައި ހުރި ކުންފުނިތަކަށް ދޫކުރާ ލޯނު އަނބުރާ ނުހޯދިއްޖެ ނަމަ ނުވަތަ އެ ފައިސާ ގެއްލުމުން އޭގެ ޒިންމާ ވެސް އުފުލަން ޖެހޭނީ ދައުލަތުން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު މި ދެންނެވީ ކުރިއަށް އޮތް ޖެނެރޭޝަންތަކަށް އަޅުގަނޑުމެންގެ ގައުމު ސަލާމަތްކޮށްދެއްވާށޭ. 2026 ވަނަ އަހަރު ނިމޭއިރު މާލީ ގޮތުން އަޅުގަނޑުމެންގެ ދަރަނި 160 ބިލިއަނަށް ދާނެޔޭ،" ޒަރިޔަންދު ވިދާޅުވި އެވެ.

މިއީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިންގާ ޕްރޮޖެކްޓުތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް ހަގީގަތަކީ މި މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރީ، ބީއެމްއެލް މެދުވެރިކޮށް ކުންފުނިތަކަށް 9 ޕަސެންޓު އިންޓަރެސްޓުގައި ލޯނު ހަމަޖައްސައިފަ އެވެ. ކުންފުނިތަކަށް ލޯނު ނުދެއްކިއްޖެ ހާލަތެއްގައި އެ ފައިސާ ވެސް ދައްކަން ޖެހޭނީ ސަރުކާރުންނެވެ.

މިދިޔަ މަހު އަމިއްލަ 53 ކުންފުންޏަކާ ހަވާލުކުރި 206 މަޝްރޫއުގެ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ސަރުކާރާ ގުޅުން ހުރި ފަރާތްތަކާ އެވެ. އޭގެ ތެރޭގައި ޕީއެންސީއަށް ނިސަބަތްވާ މަޖިލީހުގެ ފަސް މެންބަރެއްގެ ކުންފުނިތަކަށް 746 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު