ޚަބަރު
އިންތިހާބާ ދިމާކޮށް ރިޝްވަތުގެ އަމަލެއް ނުހިންގަން އޭސީސީން އިލްތިމާސްކޮށްފި
އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކުން ދުރުހެލިވެ، އެ ފަދަ އަމަލެއް ހިންގާނަމަ, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ރިޕޯޓުކުރަން އެ ކޮމިޝަނުން މިއަދު އެދިއްޖެ އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އާންމު އިންތިހާބުތަކާ ދިމާކޮށް އާންމުންގެ ތާއީދު ހޯދުމަށާއި މީހުން ލައްވައި ވޯޓު ލެއްވުމަށް ރިޝްވަތު ދޭކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް އިތުރުވަމުން ދިޔުމަކީ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެންދާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ލޯކަލް ކައުންސިލްތަކަށް އިންތިހާބު ކުރާނެ ކެންޑިޑޭޓުން ނިންމާން ޖެހޭނީ ރައްޔިތުން އަމިއްލައަށް ކަމަށާއި ވޯޓު ލާނެ މީހުން ކަނޑައެޅުމުގަ އާއި ވޯޓުލުމުގެ ހައްގު އަދާކުރުމުގައި ނަޒާހާތްތެރިކަން އިސްކުރުމަށް އޭސީސީގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.

"ގައުމުގެ މުސްތަގުބަލަށް ވިސްނާ ފިކުރުކޮށް ކޮރަޕްޝަން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެކެވެ. ރިޝްވަތުގެ މުއާމަލާތްތަކުގެ ތެރެއިން ވޯޓު ގަނެގެން މަގާމުތަކަށް އިންތިހާބުވާ ކެންޑިޑޭޓުންނަކީ ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ، އެ މީހުންގެ އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރާ ބައެކެވެ،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިހާބަށް ކެމްޕެއިން ކުރަމުން އަންނަ ފަރާތްތަކުން އިންތިހާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ އަމަލެއް ހިންގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ، އެފަދަ ކަމެއް ލަސްނުކޮށް ކޮމިޝަނަށް ރިޕޯޓް ކުރުމަށް ވެސް އޭސީސީން އެދެ އެވެ.

އޭސީސީން ބުނީ ރިޕޯޓްކުރުމުގައި މައްސަލަ ތަފްސީލުކޮށް ބަޔާންކުރުމާއެކު، މައްސަލަ ރައްދުވާ ފަރާތް ނުވަތަ އިދާރާ އަދި މައްސަލަ ހިނގި ނުވަތަ ހިނގަމުންދާ ދުވަސްވަރު ބަޔާންކުރަންވާނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހަޅައިފި ނަމަ، ނުވަތަ އެފަދަ ކަމެއް އެއްވެސް ގޮތަކުން އެ ކޮމިޝަނަށް ފާހަގަކުރެވިއްޖެ ނަމަ، އެކަމެއް އަމިއްލަ ގޮތުން ވެސް ތަހުގީގުކުރާނެ ކަމަށް އޭސީސީގެ ބަޔާނުގައި ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު