ޚަބަރު
ކުޑަކުދިންނަށް ހާއްސަ ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް އަންނަ އަހަރު ބާއްވަނީ
އަގުހުރި ބޮޑެތި އިނާމުތަކަކާ އެކު، ކުޑަކުދިންނަށް ހާއްސަ ފިލްމާއި ކާޓޫނު ހެދުމުގެ މުބާރާތެއް ސަރުކާރުން ކޮންމެ އަހަރަކު ބާއްވާނެ ކަން ރައީސް މުހައްމަދު މުއިއްޒު ރޭ އިއުލާންކުރައްވައިފި އެވެ.

ރައީސްގެ އެ ނިންމެވުން އިއުލާން ކުރެއްވީ ދިވެހިބަހާ ބެހޭ މިނިސްޓްރީން މި އަހަރު ބޭއްވި އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމު ދިނުމަށް ހުޅުމާލެ 2 ގައި ހުންނަ ސަލާހުއްދީން ސްކޫލް ހޯލުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ކުޑަކުދިންނަށް ހާއްސަކޮށް ދިވެހި ފިލްމު، ކާޓޫން، ވީޑިއޯ ގޭމްތައް ނެތުމަކީ ބެލެނިވެރިންގެ އޮތް 'އިހުލާސްތެރި' ކަންބޮޑުވުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ މިފަދަ ގައުމީ އުދާސްތަކަށް ހައްލެއް ގެންނަން،" ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރު ބަހާއި ތަރިކައާއި ސަގާފަތުގެ ދާއިރާއިން ކުޑަކުދިންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާ އެކީގައި ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ފޮތް ލިޔުންތެރިންނަށް ފޮތްތައް ޗާޕްކުރުމަށް ބޮޑު ހަރަދެއް ހިނގާތީ، އެ ކަމަށް ވެސް ސަރުކާރުން ހާއްސަ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު