ޚަބަރު
ގްރޭޑް 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ގެންދިއުން މަނާ
ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ދަރިވަރުން ސްކޫލަށް ހާޒިރުވަނީ. - ފޮޓޯ: ދައުރު
ދިރާސީ އާ އަހަރު ފެށުމާ އެކު، ގްރޭޑު 10 އަކުން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދިއުން މަނާކޮށް، 11 އިން މަތީ ގްރޭޑުތަކަށް ކްލާސް ގަޑީ ފޯނު ބޭނުންނުކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ސްކޫލުތަކުގައި ކުޑަކުދިން ފޯނު ބޭނުންކުރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އަންނަ ޖަނަވަރީ މަހުގެ 27ގައި އާ ދިރާސީ އަހަރު ފެށޭއިރު، ގުރޭޑު 10އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިޔުން މަނާވާނެ ކަމަށާއި އެކަން ވަރަށް ހަރުކަށިކޮށް ބަލާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކްލާސްރޫމްތަކުގައި ބެހެއްޓުމަށް ލޮކާ ސިސްޓަމް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކިޔަވައިދޭ ގަޑީގައި ފޯނު ބަހައްޓަން ޖެހޭނީ ލޮކަރުގައި ކަމަށާއި އެކަމަކު ލިބޭ ހުސް ވަގުތުތަކުގައި އެ ގްރޭޑުތަކުގައި ކިޔަވާ ކުދިންނަށް ފޯނު ބޭނުންކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސްކޫލުގައި ފޯނު ބޭނުންކުރުމުގެ ކަންކަން ހަރުކަށިކުރާނެ ކަމަށް ރައީސް ވިދާޅުވެފައި މިވަނީ، މި ފަހުން އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

އެ ހަމަނުޖެހުން ހިނގީ ކްލާސް ތެރޭގައި އަޑުއިއްވަން ނުޖެހޭ ފަަދަ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް ފޯނުން އަޅުވައި މުޅި ކްލާހަށް އަޑުއިއްވަން އެ ދަރިވަރު މަސައްކަތް ކުރުމުން އެކަން ހުއްޓަވަން ޓީޗަރު އުޅުމުގެ ތެރޭގަ އެވެ. އެ މައްސަލާގައި ޓީޗަރާއި ދަރިވަރު ވެސް މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު