ހުޅުމާލޭ ފޭސް 1 ގައި ހުންނަ ފްލެޓްތައް ބެލެހެއްޓުމާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުވެއްޖެ އެވެ. 
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއާއި އެ ކުންފުންޏާ ދެމެދު މިމަހުގެ 24ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 704 ފްލެޓް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާއި އެކުންފުނިން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ."މިއަދުން ފެށިގެން 704 ފްލެޓުތަކަށް ދިމާވާ މެއިންޓެނަންސްގެ މައްސަލަތައް ހައްލުކުރުމަށް މި ކޯޕަރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް އާންމުކޮށް އަންގައި އިއުލާން ކުރަމެވެ،" އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.
އެތަންތަން ބެލެހެއްޓުމާ އެޗްޑީސީން ހަވާލުވިއިރު، ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓްތަކަކީ ވެސް އެޗްޑީސީން ބަލަހައްޓާ ތަންތަނެވެ.