
ކޭ ޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ، ކޭ ޕާކްގެ ފްލެޓް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 104 ދައުވާއެއް ކުރި އެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.މަންޑޭގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން މިއަދު ސާބިތުވާ ކަމަށް ނިންމީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އާއި ޓެކުމުގެ 46 ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ ސާބިތުވި ފުރަތަމަ ފަހަރެވެ.އެ މައްސަލާގައި ދެން ދައުވާލިބުނު ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ޓެކުމުގެ 20 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 27 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 47 ދައުވާ އާއި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ އެއް ދައުވާ އެވެ.ޖައިޝާންގެ މައްޗަށް ސާބިތުވީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާ އެވެ. އަދި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ ދައުވާ ވެސް ޖައިޝާންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމި އެވެ.