ޚަބަރު
އަތޮޅު ތެރޭގެ ވިޔަފާރިތަކުން ވެސް ތެލުގެ އަގު ބޮޑުކޮށްފި، ލިޓަރެއް 28ރ. އިން މައްޗަށް
ފޭދޫގައި ހުންނަ ސިޓީ ފިއުލް ސަޕްލައިގެ ތެޔޮ ޝެޑް. ފޮޓޯ/ އައްޑޫ ލައިވް
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅައި ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން އަންނަ ދަނޑިވަޅެއްގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ޕެޓްރޯލާއި ޑީސެލް ލީޓަރެއް ވިއްކާ އަގު 28ރ. އިން މައްޗަށް ގޮސްފި އެވެ.

އައްޑޫ ސިޓީގައި ވެސް ތެލުގެ އަގު މިހާރު ވަނީ 29ރ. ބޮޑުވެފަ އެވެ. އެކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

މާލެ ސަރަހައްދުގައި ތެލުގެ ވިޔަފާރިކުރާ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، އިއްޔެއާ ހަމައަށް ޑީސަލް ލީޓަރެއް 16.52 ރުފިޔާއަށް ލިބުނު ނަމަވެސް، މިއަދުން ފެށިގެން އެ އަގު ވަނީ 27.22 ރުފިޔާއަށް ބޮޑުވެފައެވެ. އަދި 15.00 ރުފިޔާއަށް ލިބެމުންދިޔަ ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 26.14 ރުފިޔާއަށް އުފުލިފައެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށަށް ވެސް މި ބަދަލުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ނ. އަތޮޅުގައި ތެލުގެ ވިޔަފާރިކުރާ ވިޔަފާރިވެރިއެއް ބުނި ގޮތުގައި، އެ އަތޮޅާ ހަމައަށް ޑެލިވަރީކުރާ ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ 27.13 ރުފިޔާއަށް ބޮޑުވެފަ އެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 28.32 ރުފިޔާއަށް އުފުލިފައެވެ.

މި ބަދަލުގެ ސަބަބުން އަމިއްލަ ވިޔަފާރިވެރިން އެސްޓީއޯއިން ތެޔޮ ގަންނަންޖެހޭ އަގު ބޮޑުވުމާ ގުޅިގެން، އާންމުންނަށް ތެޔޮ ވިއްކާ އަގު މާލެ ސަރަހައްދަށްވުރެ އެތައް ގުނައެއް ރަށްރަށުގައި ބޮޑުވާނެއެވެ.

އަދި ރައްޔިތުންނަށް ވެސް ބޮޑު ބުރައެއް އުފުލަން މަޖުބޫރުވާނެ ކަމަށާއި، އެއީ އަތޮޅު ތެރޭގައި ތަކެތީގެ އަގުތައް އުފުލެން މަގުފަހިވާނެ ކަމެއް ކަމަށް ވެސް ބުނެފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު