ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރުގެ މައްޗަށް ފަސް ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ސަނީ އުމަރުގެ މައްޗަށް މިއަދު ކޯޓަށް ހުށަހެޅި ދައުވާތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުރި ތިން ދައުވާއަކާއި، ގާނޫނުލްއުގޫބާތުގެ ދަށުން ކުރި ދެ ދައުވާއެއް ހިމެނެއެވެ.ސަނީގެ މައްޗަށް އުފުލާފައިވާ ދައުވާތައް:- ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ތިން ދައުވާ: މި ދައުވާތައް އުފުލާފައިވަނީ ތަފާތު ތިން މައްސަލައެއްގައެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކަށް އުމުރުން ހަތް އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޮގަސްޓާ ހަމައަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލައަކާއި، އިތުރު ދެ ކުއްޖެއްގެ ގަޔަށް އަތްލި މައްސަލަ ހިމެނެއެވެ. މި ކޮންމެ ކުށަކަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު އަދަބެއް އަންނާނެއެވެ.
- ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ: މި ދައުވާ ކުރީ ސަނީ އުމަރުގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ހުރިކަމަށް ތުހުމަތުކުރެވި، ފޯނު ހަވާލުކުރަން ކޯޓުން އަމުރުކުރުމުން، ފޯނު ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނާ ފޯނު ހަވާލުކޮށްފައި ނުވާތީއެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
- ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާ: އޭނާ ގެންގުޅުނު ސިމް ކާޑުގެ މައުލޫމާތު އޮޅުވާލައި ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީއެވެ. މި ކުށަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި ކޮށްފައިވާ ދައުވާތައް ސާބިތުވާ ހާލަތުގައި ގާނޫނުގައި އޮންނަ އެންމެ ބޮޑު އަދަބު ކަނޑައަޅުމަށް އެދޭނެ ކަމަށެވެ. އަދި އެ ހާލަތުގައި ސަނީގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީ އުމަރު މި ވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.