ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ތެލުގެ އިތުރު ދެ ޝިޕްމެންޓް ރާއްޖެއަށް ލިބޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފި އެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދީފައިވާ ހަމަލާތަކާ އެކު މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ވަނީ ތެލާއި ގޭހުގެ އަގު އުފުލި، އެތަކެތި ހޯދުމަށް ދަތިވެފަ އެވެ. އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ގޭހުގެ ޑިމާންޑު މާ ބޮޑަށް މި ދުވަސްވަރު އިތުރުވެ، ގޭސް ވިއްކުން ލިިމިޓް ކުރިޔަސް އިތުރު ޝިޕްމަންޓެއް ހުކުރު ދުވަހު ރާއްޖެ ގެންނާނެ އެވެ.
ގޭހުގެ ޑިމާންޑު ބޮޑުތަނުން އުފުލުމާ ގުޅިގެން މި ހަފުތާގައި 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ވިއްކަނީ ފަސް ކިލޯ އެވެ. މޯލްޑިވް ގޭސްއިން ގޭސް ވިއްކާ މިންވަރު ލިމިޓް ކޮށްފައިވާއިރު, ތެލާއި ކާޑުގެ ބާވަތްތަކާއި އަސާސީ ތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް މި ފަހުން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.ފާހަގަކުރެވޭ ގޮތުގައި މި ރަމަޟާން މަސް ފެށުމުގެ ކުރިން ވެސް މޯލްޑިވް ގޭސްއިން ވަނީ ގޭސް ވިއްކާ މިންވަރު މަދުކޮށްފައެވެ. އަދި ޑެލިވަރީ ވެސް ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ.މޯލްޑިވް ގޭހުން ގޭސް ވިއްކުން ކޮންޓްރޯލް ކުރިއިރު، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކައިރި ގައުމުތައް ވަނީ ގޭހަށް ޖެހިފަ އެވެ. ނަމަވެސް މިފަދަ މައްސަލައެއް ރާއްޖެއަށް ކުރިމަތި ނުވާނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުން ނެވެ.