ޒަމާނީ ޔޮޓް މެރީނާއެއް ހއ.އުލިގަމުގައި ތަރައްގީކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަޔަކާ ހަވާލުކޮށްފި އެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ޢަލީ ހާޝިމެވެ. ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ސަވާދެވެ.
ސަސް އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓް އެއްފަހަރާ ބަނދަރު ކުރެވޭ މެރީނާއެއް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. އަދި މެރީނާއިން ޔޮޓްތަކަށް ބޭނުންވާ މައިގަގނޑު ހިދުމަތްތައް ލިބޭނެ ކަމަށާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލް އިން އަންނަނީ ޔޮޓް މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްގީ ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.