ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ޖޭޕީން ނިންމައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.
އެ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި ބަހުސް ކުރެއްވުމަށް ފަހު، 18 މެމްބަރުންގެ ވޯޓުން ފާސްކުރީ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި އެވެ.
ކައުންސިލް ބައްދަލުވުމަށް 30 މެމްބަރަކު ވަޑައިގެންނެވިއިރު، އެކަމަކު 12 ބޭފުޅަކު ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ބޭނުން ނުވާ ކަމަަށް ވޯޓު ދެއްވި އެވެ.
"ޖޭޕީން ވަކިން މި އިންތިހާބުގައި ވާދަކުރަން ވެސް ހުށަހެޅި. އެކަމަކު އެ ކަމަކަށް ތާއީދެއް ނުލިބުނު،" ޖޭޕީގެ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ރިޔާސތުގައި އިންނެވުމުގެ ސަބަބުން ގާސިމް އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވަ އެވެ. ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ޖޭޕީން ތާއީދުކުރަން ނިންމި ވަކި ސަބަބެއް އެ ޕާޓީން ނުބުނެ އެވެ.