ދޮޅުމަހުގެ ޗުއްޓީއަކަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު ދަރިވަރުންނަށް މިދިޔަ އަހަރުގެ ބޮޑު ޗުއްޓީ ދިނީ ކުރިން އޮތް ގޮތަށް ޑިސެމްބަރު މަހު އެވެ.
ބެލެނިވެރިން އެދުމުގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބަދަލު ގެންނަވައި ޑިސެމްބަރުގައި ބޮޑު ޗުއްޓީ ލިބޭ ގޮތަށް ބަދަލު ކުރެއްވުމުން، އެއީ މި ފަހުން ޑިސެމްބަރުގައި ޗުއްޓީ ލިބުނު ފުރަތަމަ އަހަރެވެ.
މިދިޔަ ދިރާސީ އަހަރު ނިންމައި ރިޕޯޓު ފޮތް ދިނީ ޑިސެމްބަރު 25 ގަ އެވެ.މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން 219 ސްކޫލެއްގައި ފެށީ 77،000 އަށްވުރެ ގިނަ ދަރިވަރުންނާއި 9،000 އަށްވުރެ ގިނަ ޓީޗަރުންނާއެކުގަ އެވެ.މި އަހަރު ސަރުކާރު ސްކޫލްތަކުގައި ގްރޭޑް އެކެއްގައި ކިޔަވަން 4،000 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވިއިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުން ގްރޭޑް އެކެއްގައި ކިޔަވާނެ 1،700 އަށް ގިނަ ދަރިވަރުން ހިމެނެ އެވެ.ދިރާސީ އައު އަހަރުގެ ދެވަނަ ޓާމު ނިމި ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ މި އަހަރުގެ ޑިސެމްބަރު 18، އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 12، ގެ ނިޔަލަށެވެ. އެހެންކަމުން ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށްދާނީ އޯގަސްޓް 2، އިން ފެށިގެން ޑިސެމްބަރު 17، ގެ ނިޔަލަށެވެ.