ޚަބަރު
ރައީސް، ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބު ވެވަޑައިގެންނެވި ތާރިގު ރަޙްމާނާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގައި ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތާރިޤް ރަޙްމާންއާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. އަދި، ދެޤައުމުގެ ބަދަހި ގުޅުމާއި، ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމާއި، ސިއްހީ، ތިމާވެށި، މަތީ ތަޢުލީމް އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މިއީ ރައީސް މުއިއްޒު ބަންގްލަދޭޝަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ދިވެހިރާއްޖެއާއި ބަންގްލަދޭޝް އާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 22 ސެޕްޓެންބަރު 1978 ގަ އެވެ. 

ބަންގްލާދޭޝްގައި 2024 ވަނަ އަހަރު، ލޭ އޮހޮރުވުންތައް ބޮޑު މުޒާހަރާތަކުން ޝައިހް ހަސީނާގެ ވެރިކަން ވައްޓާލުމަށްފަހު މިދިޔަ ހަފުތާގައި ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބުކުރީ މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބީއެންޕީ އިސްވެ އުފައްދާފައިވާ ކޯލިޝަނުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން 212 ގޮނޑި އެ ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެހެންވެ އާ ބޮޑުވަޒީރަކީ އެ ޕާޓީގެ ޗެއާމަން އަދި ޚާލިދާގެ ދަރިކަލުން ތާރިގް ރަހްމާނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު