އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިއަކަށް އިޝާން އައްޔަންކޮށްފި
ހުނައިދާ ޔާސިރު
05 މާޗް 2026 - 15:20
0 comments
އެފްއައިޔޫގެ އާ ވެރިޔާ މުޙައްމަދު އިޝާން: ފޮޓޯ: އެމްއެމްއޭ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ވެރިޔަކަށް މުހައްމަދު އިޝާން މިއަދު އައްޔަންކުރައްވައިފިއެވެ.
އިޝާނަކީ ތަޖުރިބާކާރު ޗާޓަޑް އެކައުންޓަންޓެކެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީއައިއެމްއޭ)ގެ އެސޯސިއޭޓް މެންބަރެއްގެ އިތުރުން އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ އެފިލިއޭޓް މެންބަރެކެވެ.މީގެ 12 އަހަރު ކުރިން އެމްއެމްއޭއާ ގުޅިވަޑައިގަތް އިޝާން ވަނީ އެ މުއައްސަސާގެ އިސް އެކި މަގާމުތައް ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި ހެޑް އޮފް ކޯޕަރޭޓް އެކައުންޓްސް ސެކްޝަނާއި ހެޑް އޮފް ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޝަން ހިމެނެ އެވެ. މި މަގާމުތަކުގައި އޭނާ ވަނީ މާލީ ކަންކަން ބެލެހެއްޓުމާއި މުއައްސަސާގެ އެތެރޭގެ ހިންގުމުގެ މުހިންމު ޒިންމާތަކެއް އުފުއްލަވާފައެވެ.
ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ގާއިމުކޮށްފައިވާ ހާއްސަ ޔުނިޓެކެވެ. ގާނޫނުގައިވާ ގޮތުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިޔާ އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރަށެވެ.އެންމެ ފަހުން އެފްއައިޔޫގެ ވެރިއަކަށް ހުންނެވީ, އިސްމާއީލް ސާޖިދެވެ. އޭނާ އެ މަގާމުން ވަކި ކުރެއްވީ ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތުވާ ކަމަށް ނިންމައެވެ. އޭނާ ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފައެވެ.
ކިޔުންތެރިންގެ ޝުއޫރު