ރާއްޖޭން ބޭރަށް ނުދާ މީހުންގެ ކާޑު ހިފައިގެން ގޮސް، ބޭރުގައި ކާޑުގެ މުއާމަލާތްތައް ހިންގާ މައްސަލަ ހައްލުކުރަން އިމިގްރޭޝަނާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފިޔަވަޅުތަކެއް އަޅައިފި އެވެ.
ބީއެމްއެލްއިން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި، ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް އާއި އިމިގްރޭޝަން އާދެމެދު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަން އާއެކު، ރާއްޖޭން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމަ އެކަނި ރާއްޖޭން ބޭރުގައި ތިބޭއިރު އެކްޓިވް ވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
"މިހެންކަމުން ރާއްޖޭގައި ތިއްބަވާ ބޭފުޅުންގެ ކާޑު ކާޑުގެ ވެރިފަރާތާއި ނުލައި] ރާއްޖޭން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭގޮތް ހަމަޖެހިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް 1،200 ޑޮލަރާ ހަމައަށް ކާޑު ލިމިޓެއް ވަނީ ކަނޑައަޅައިފަ އެވެ.މީގެ އިތުރުން، ޝަރީފް ވިދާޅުވީ އަމިއްލަ މީހުންނަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ވިޔަފާރި ބޭނުމަށް ރާއްޖޭން ބޭރުގެ ވެބްސައިޓުތަކުން މުއާމަލާތް ކުރާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ބައެއް ވެބްސައިޓުތަކަށް ދުވާލަކު ހޭދަކުރެވޭނެ ބަޖެޓެއް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.އެގޮތުން، ޓީމޫ އަދި ޝީއިން ފަދަަ ވެބްސައިޓުތަކުން ވިޔަފާރި ކުރުމަށް ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ޑޮލަރު ވިއްކަން ނިންމާފައިވާ ކަމަށާއި އެހެން ބޭނުންތަކަށް ބޭނުންކުރާ ސައިޓްތަކަށް މިވަގުތު ބަދަލު ނުގެނެސް މިހާރު ވެސް ބޭނުން ކުރެވޭ ވަރުގައި ހުންނާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.މީގެއިތުރުން، އެއް ކްރެޑިޓު ކާޑަށް ވުރެ ގިނަ ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް، ހަމަ އެކަނި އެއްކާޑަށް އަހަރީ ފީނަގައި ގޮތަށް ވެސް ބޭންކުން މިއަދު ވަނީ ހަމަޖައްސައިފަ އެވެ.