ޚަބަރު
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭއިން ތާއީދުކޮށްފި
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގެ ބޭއްވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ތާއީދުކޮށްފި އެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ގޮތުން، އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކު، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެސް ވަނީ ނިންމާފަ އެވެ.

އެމްޑީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމެއް ކަމަށެވެ.

"މިއީ ރާއްޖޭގެ އިގުތިސާދީ ހާލަތާއި، ގައުމުގެ ސުލްހަމަސަލަސްކަމަށް ރިއާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމުގައި މި ޕާޓީން ދެކެމެވެ،" އެމްޑީއޭއިން ނެރުނު ބަޔާނުގައި ވެއެވެ.

ޚާއްސަކޮށް މިއީ ދިވެހި ގައުމުގެ ކުރިމަގަށް އަޅާ ހަރުދަނާ/ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެން ކަމުން އެ ޕާޓީން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގެ ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް މަރުހަބާ ކިޔާފަ އެވެ.

"މި ޕާޓީ އަބަދު ވެސް ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައެވެ،" އެމްޑީއޭއިން ބުންޏެވެ.

ފެންނަ ނުފެންނަ ވޯޓުގައި އަހާނީ ކޮން ސުވާލެއް؟

މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހާ ގުޅޭ ސުވާލެކެވެ. އެއީ؛

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"

މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގަ އެވެ.

ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން ކެމްޕެއިން ކުރަމުންދާއިރު އެކަމާ ދެކޮޅަށް އެމްޑީޕީން ދަނީ ވަކާލާތު ކުރަމުންނެވެ. އެ ޕާޓީން ވަނީ އެ ވޯޓު ހުއްޓުވަން ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. 


ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު