ޚަބަރު
ހަނގުރާމަ ވަގުތުން ހުއްޓާލަން ރާއްޖޭން ގޮވާލައިފި
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކާއި އެ ހަމަލާތަކުގެ ރައްދުގައި ކަމަށް ބުނެ އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުން ގެންދާ ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި އެވެ. 

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އީރާނުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވެއިތު، ބަހްރޭން އަދި އެހެނިހެން އަޚުވަންތަ ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ހާއްސަކޮށް، ގަލްފު ސަރަހައްދުގެ މަދަނީ ތަންތަނަށާއި، އެއަރޕޯޓްތަކަށާއި، ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާމެދު ރާއްޖޭން ނުހަނު ކަންބޮޑުވާ ކަމަށާއި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށްވާއިރު، ގަލްފުގެ ގައުމުތަކުން އެއްވެސް ކުރިމަތިލުމަކަށް ނުދަނީސް، އީރާނުން އެ ގައުމުތަކަށް ހަމަލާދެމުންދާތީ އެކަމާ ހިތާމަކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ވެސް ރާއްޖެއިން ވަނީ ފާޅުކޮށްފަ އެވެ. މިގޮތުން ސަތޭކައަށްވުރެ ގިނަ އާންމުން މަރުވި އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާއާއި، ހޮސްޕިޓަލްތަކާއި ތެޔޮ މަރުކަޒުތަކަށް ދީފައިވާ ގެއްލުން ބޮޑު ހަމަލާތައް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ޑިޕްލޮމެޓިކް މަސައްކަތް ފުޅާކޮށް، ގަލްފު ސަރަހައްދުގައި ސުލްހަ ގާއިމުކުރުމުގެ  މަސައްކަތް ވަރުގަދަކުރުމަށް، ސަރުކާރުގެ ބަޔާން ނިންމާލަމުން ގޮވާލާފައިވެ އެވެ. 

މިދިޔަ މަހުގެ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު އަވަހާރަކޮށްލާފައި ވާއިރު އެ ހަމަލާތަކުގެ ބަދަލުގައި އީރާނުން ދަނީ އެމެރިކާގެ މަގާމުތަކަށް ކަމަށް ބުނެ ގަލްފުގެ އެކި ގައުމުތަކަށް ރައްދު ހަމަލާ ދެމުންނެވެ. އެކަމަކު އެ ހަމަލާތައް އާންމުންގެ ސަރަހައްދުތަކަށް ވެސް އަމާޒުވެ އާންމުންގެ ބައެއް މީހުން މަރުވެ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު