އިރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލޯ އަލީ ހާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އޭނާގެ ދަރިކަލުން މުޖުތަބާ ހާމަނާއީ އެ މަގާމަށް އިއްޔެ އައްޔަންކޮށްފި އެވެ.
މިދިޔަ މަހުގެ 28 ގައި ޚާމަނާއީ އަވަހާރަކޮށްލުމުން މުޅި މެދުއިރުމަތި ހަނގުރާމައެއްގެ ތެރެއަށް ދިޔަތާ ނުވަ ދުވަސް ފަހުން ލީޑަރުކަމަށް މުޖްތަބާ ހޮވައި އައްޔަންކުރީ އެމެރިކާ އާއި އިޒްރޭލުން އިންޒާރުދެމުން ދަނިކޮށް ދީނީ އިލްމުވެރިންގެ މަޖިލީހުން ބޭއްވި ބައްދަލުވުމުގަ އެވެ. އުމުރުން 56 އަހަރުގެ ދީނީ އިލްމުވެރިޔާ މުޖުތަބާ ހާމަނާއީ މަގާމާ ހަވާލުވެވަޑައިގަތުމާ އެކު، އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އާއި ސިފައިންގެ އިސްވެރިން ވަނީ އާ ވެރިޔާއަށް ބައިއަތު ހިފާފަ އެވެ. ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރިޖާނީ އެއްބައިވަންތަކަމަށް ގޮވާލެއްވި އިރު، މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ މުޖުތަބާ ހާމަނާއީގެ ފަހަތްޕުޅުގައި ސާބިތުވެ ތިބުމަކީ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ.އިންތިހާބީ އެއްވެސް މަގާމެއް މީގެ ކުރިން ފުރުއްވާފައި ނުވި ނަމަވެސް، މުޖުތަބާ ހާމަނާއީ އަކީ އިރާނުގެ ސިޔާސީ މަޝްރަހުގައި ނުފޫޒުގަދަ، އަދި އައިއާރުޖީސީއާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި، އެ މަގާމަށް އައްޔަންކުރުމަކީ މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރޭގައި އިރާނުގެ ސިޔާސަތުތައް ބަދަލެއް ނުވެ ކުރިއަށްދާނެ ކަމުގެ ނިޝާނެކެވެ.ޔަމަނުގެ ހޫތީން ވެސް ވަނީ މުޖްތަބާއަށް މަރުހަބާ ކިޔައި ބަޔާނެއް ނެރެފަ އެވެ.