ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރު ވެސް ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް، ހަނދު ފެނިއްޖެ ނަމަ އެކަން އެންގުމަށާއި އެކަމާ ގުޅޭ ގޮތުން ހެކިބަސް ދިނުމަށް އައުމާއި ދިއުމުގެ ހަރަދުތައް ހަމަޖައްސައިދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ. 
ޑީޖޭއޭއިން ކުރި އިއުލާނެއްގައި ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ، މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅު މަތީގައި ކަމަށެވެ.
އަދި އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގަ އެވެ. މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި މިސްރާބާއި އަދި މި ނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށް އިއުލާނުގައި ވެއެވެ.
ޑީޖޭއޭ އިން ބުނީ ޝައްވާލު މަހުގެ ހަނދުގެ މައްސަލާގައި ވަކި ގޮތެއް ނިމެންދެން 18 މާޗުވާ ބުދަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން އެ އިދާރާ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ރަށު ކައުންސިލު އިދާރާތަކާއި އަތޮޅު ކައުންސިލުތައް ވެސް ހުޅުވާފައި ހުންނާނެ ކަމަށެވެ.
އެހެންވެ، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީއެންމެ އަވަހަކަށް ހަނދާ ބެހޭ މައުލޫމާތު ދިނުމަށް އެދިފައިވެ އެވެ. ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ހަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޑީޖޭއޭ އިން ބުނެފައިވެ އެވެ.
މި ރަމަޟާން މަހަކީ ކަލަންޑަރުން އަދި ހިސާބުތަކުން ވެސް ދައްކާ ގޮތުން 30 ދުވަހުގެ މަހެކެވެ. ކަލަންޑަރުގައި މިހާރު އޮތް ގޮތުން ފިތުރު އީދު ދުވަހަށް ވާނީ އަންނަ ހަފްތާގެ ހުކުރު ދުވަހެވެ.