ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް، މިއީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ އިންތިހާބެއް ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ޕީއެންސީން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ ސައިކަލް ބުރު ފުށުމުގެ ކުރިން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުކުރައްވާ ނިޒާމެއް ކަމަށްވާތީ ކައުންސިލްތަކުގެ ބޭރު ކަނޑުވާލުމަކީ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުރެވޭނެ ގޮތް ވުމަކީ ރައްޔިތުންނަށް އެކަމުން ހެވާއި ލާބަ ލިބޭނެ ކަންކަން ކަމަށެވެ. އެހެންވެ ކައުންސިލްތަކަށް ބޭފުޅުން ހޮވާއިރު ސަރުކާރަށް އެއްބާރުލުންދޭ ބޭފުޅުން ހޮވުން މުހިއްމު ކަމަށްވެސް ވިދާޅުވި އެވެ. "ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ހުރިހާ ކަމެއް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. ރަށްރަށުގައި ކުރަން ހުރި ކޮންމެ ކަމަކީ ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމެއް ލާމަރުކަޒީ އުސޫލުގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް މިހާރުވެސް ހުރީ ކުރައްވާފައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވާރުތަވި އިންތިސާދީ ގޮންޖެހުންތަކެއް އަރައިގަނެވިފައިވާތީ ކުރިއަށް ހުރި ދުވަސްތަކުގައި ކުރަން ހުރި މަސައްކަތްތައް ނިންމާލުމަށްޓަކައި ކައުންސިލްތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންވީމަ ވަރަށް އިހުލާސްތެރިކަމާއި އެކީގައި ވަރަށް ހެޔޮ ނިޔަތުގައި ވަރަށް ޒިންމާދާރުކަމާއެކު އެ މަސައްކަތް ކުރަން ބޭނުންވާތީ އަޅުގަނޑު ރައްޔިތުންގެ ގާތުގައި މިކަމުގައި އެއްބާރުލުން ދެއްވައި އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމަށް [މިއެދެނީ]،" ރައީސް ވިދާޅުވި އެވެ.