މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކުރުމަށް އެ ސަރަހައްދުގެ ފަޅު ބަންދުކުރަން ނިންމައިފި އެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަހައްދަކީ އާންމު ގޮތެއްގައި މާލެއިން އެއާޕޯޓަށް ދާ ފެރީތަކާއި، މާލެއާ ކައިރި ރަށްރަށަށް ދަތުރުކުރާ ފެރީތައް އަޅާފައި އޮންނަ ސަރަހައްދެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ކަނޑުއުޅަނދުފަހަރު ވެސް ހަރަކާތްތެރިވެއެވެ.ކައުންސިލުން މިއަދު ވަނީ، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތަށް މަގު ބަންދުކުރާނެ ގޮތުގެ ތަފުސީލު އާންމުކޮށްފައެވެ.އެގޮތުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަސައްކަތް ނިމި ހުޅުވެންދެން ބަންދުވާނެ އެވެ.ކައުންސިލުން ބުނީ 5 ނަމްބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ފަށާނީ އޭޕްރީލް 17 ގައި ކަމަށެވެ.
ކައުންސިލުން ވަނީ މިއަދުން ފެށިގެން މަގު ފުޅާކުރުމުގެ މަސައްކަތްތައް ނިމި އާންމުކޮށް ސަރަހައްދު ހުޅުވާލެވެންދެން އެ ސަރަަހައްދުގެ އެއްގަމު ތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑު ނުކުރުމަށާއި ދާއިމީކޮށް އަޅާފައި ނުބޭއްވުމަށް އަންގައިފަ އެވެ.